

ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެ ގައުމުގެ ބޮޑު ވަޒީރު ފްރާންސޯ ބައިރޫ މަގާމުން ދުރު ކުރުމަށް ވޯޓުދީ، ފްރާންސްގެ ސަރުކާރު ވައްޓާލައިފިއެވެ.
ބައިރޫއާ ދެކޮޅަށް ޖުމްލަ 364 މެމްބަރުން ވޯޓު ދެއްވިއިރު، އޭނާ އާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ 194 މެމްބަރުންނެވެ. އިތުބާރު ނެތް ކަމުގެ ވޯޓު ނެގުނީ އާންމު ބަންދު ދުވަސްތަކެއް އުވާލުމާއި ސަރުކާރުގެ ހަރަދުތައް ފްރީޒް ކުރުން ހިމެނޭ ގޮތަށް 44 ބިލިއަން ޔޫރޯ (51 ބިލިއަން ޑޮލަރު) ގެ ސޭވިންގްސް ޕްލޭނެއް ކުރިއަށް ގެންދިއުމަށް އޭނާ ގޮވާލެއްވުމުންނެވެ.
ބައިރޫއާ ދެކޮޅަށް ލިބުނު 364 ވޯޓަކީ ސަރުކާރު ވައްޓާލުމަށް ބޭނުންވާ 280 ވޯޓުގެ ތެރެސްހޯލްޑަށް ވުރެ މާ މަތީ އަދަދެކެވެ.
ފްރާންސްގެ ސަރުކާރު ވެއްޓިފައި ވަނީ އިގްތިސާދީ ދަތިތަކާއި ޖިއޮޕޮލިޓިކަލް ކަންބޮޑުވުންތައް އެ ގައުމުގައި އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ސަބަބުން އެ ގައުމުގައި އާ ސިޔާސީ ދަތިކަމެއް މިހާރު ވަނީ އުފެދިފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އައު ބޮޑު ވަޒީރަކު އައްޔަން ކުރައްވާނެ ކަމަށް އެލިސީ ޕެލަސް އިން ބުނެފައިވެއެވެ.
ނަމަވެސް، ބައިރޫގެ ވަކިވުމާ ގުޅިގެން މެކްރޮން އަށް ލިބިފައިވަނީ އެ މަގާމަށް އިހްތިޔާރު ކުރާނެ މަދު ކެންޑިޑޭޓުތަކެއް ކަމަށް ކަމާއި ގުޅޭ މާހިރުން ބުނެއެވެ.