

ކ. މާފުށީ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކުންފުނިން ގެނައި 3.7 މިލިއަން ރުފިޔާގެ "ވެލި ބާޖު" އިފްތިތާހުކޮށް ދިނުމަށް އެލްޖީއޭ މިނިސްޓަރު އާދަމް ޝަރީފު ވަޑައިގެންނެވުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މާފުށީ ބާޖު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އަދި އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އާދަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބާޖުގެ އިފްތިތާހު ކުރުން ކުރިއަށް ގެންދިޔައީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުށި އެއާޕޯޓުގެ ބިން ހިއްކަން މަހާ ޖައްރާފާ ގެެނެސް އެ މަޝްރޫއު އިފްތިތާހުކޮށްދެއްވި ކޮންސެޕްޓުގެ ނަކަލެއްގެ ގޮތުގައެވެ.
ހަމައެހެންމެ މިވަރުގެ ކުޑަ ކުޑަ ޕްރޮޖެކްޓެއްގެ އިފްތިތާހީއަށްވެސް ވަޒީރަކު ވަޑައިގެންނެވުމުން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ނުވެދާނެތީ ސަރުކާރު ނޭވާ ހޮޅިއަށް އެޅިފައި އޮތް މިންވަރު ހާމަވާ ކަމަށް ގިނަ ބަޔަކު މިސް މީޑިޔާގައި ކީޔާލުފާޅުކޮށްފައިވެއެވެ.
އެގޮތުން ރިބަން ކަނޑާލާނެ ތަނެއް ނެތީމަ އެންމެ ފަހުން ގޮސް ސޭންޑް ޕަންޕެއް އެ ޖެއްސީ ދައުލަތުގެ ވަޒީރަކު ވަޑައިގެން ބިޔަ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ބުނެ ވެސް ފާޑުކިޔާފައިވެއެވެ.
ބާޖު ގެނަުމުގެ މަގްސަދާ ގުޅޭ ގޮތުން މާފުށި ކައުންސިލުގެ ރައީސް ހަސަން ސޮލާހު ވިދާޅުވެފައިވަނީ، ބާޖް ބަނުމަށްޓަކައި ހަ މަސް ދުވަސް ހޭދަވި ކަމަށާ މާފުށީގައި ރީތި ބީޗްތައް ނޯންނަކަމަށާ ފަތުރުވެރިން ބައެއް ރަށްތަކަށް އެރުމަށް ވެސް ދަތިވެފައިވާ ކަމަށެވެ. އެހެންކަމުން ރަށުގެ ބީޗަކީ ވެސް އެންމެ ރީތި ބީޗަށް ހަދާ ބާޖް މެދުވެރިކޮށް އެހެން ރަށްތަކުގައި ވެސް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ސޮލާހު ވިދާޅުވެފައިވެއެވެ.