ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޔާމީން ވަޑައިގަތުމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝިޔާމް މަރުހަބާ ދަންނަވަނީ. - ފައިލް ފޮޓޯ / މިހާރު
ހަބަރު, ސިޔާސީ
ބުނި ބަސް ؛ އަޅުގަނޑު ފޮލޯކުރާނީ ރައީސް ޔާމީންގެ އިރުޝާދު: އާދަމް ޝަރީފް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
21 މޭ 2025
މާލެ ސިޓީ

"ބުނި ބަސް" ސެގްމެންޓްގައި މިއަދު މިބަލާލަނީ ނިމުނު ރިޔާސީ އިންތިހާބާ ދިމާކޮށް، ޕީއެންސީ ހިންގުމާ ހަވާލުވެ ތިއްބެވި، ވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅަކަށެވެ.

ރައީސް ޔާމީން ޖަލުގައި ބަންދުކުރައްވާ ސޯލިހުގެ ވެރިކަމުގައި ރިޔާސީ އިންތިހާބަށް ކުޑަތަން ވަމުން ދަނިކޮށް އާދަމް ޝަރީފް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ އަބަދު ވެސް މަސައްކަތްކުރައްވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށާއި އެކަމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.


އަޅުގަނޑު ހުންނާނީ ރައީސް ޔާމީން ބެހެއްޓެވި ހިސާބެއްގައި. ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް އައި ކަމުގައި ވިޔަސް އަޅުގަނޑު ފޮލޯކުރާނީ ރައީސް ޔާމީންގެ އިރުޝާދު

- އާދަމް ޝަރީފް އެ ދުވަހު ވިދާޅުވި އެވެ. 

ރިޔާސީ އިންތިހާބާ ދިމާކޮށް، ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވެސް އަދި ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ އެހެން ސެނެޓު މެމްބަރުން ވެސް އެދުވަހު ވިދާޅުވީ އެ އެންމެން ތިއްބެވީ ރައީސް ޔާމީނާ އެކު ކަމަށެވެ.

މި ބައްދަލުވުމުގައި ގައްސާން ވިދާޅުވީ އެ ދުވަހު ވެސް އަދި މާދަމާ ވެސް ހުންނަވާނީ ޔާމީންގެ ފަހަތްޕުޅުގައި ކަމަށެވެ.

ނަމަވެސް މިއަދު "ވަމުންދާގޮތް" ބައްލަވާށެވެ. އާދަމް ޝަރީފް އަދި ގައްސާނު "ބުނި ބަސް" ދިމަލެއްނުވިއެވެ.!

މި މައުލޫގައި ރައީސް ޔާމީން މިފަހުން ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ޕީއެންއެފް ޖަލްސާގައި ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވިއިރު، މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުގައި އޭރު ތިއްބެވި ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭފުޅުން ދައްކާފައިވާ ވާހަކަތަކުގެ ރިކޯޑިންއެއް ވަނީ ދައްކާފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި، މުއިއްޒު ހިމެނިވަޑައިގަންނަވާހެން ގައްސާން އާއި އާދަމް ޝަރީފް ވެސް ވިދާޅުވީ އެ ބޭފުޅުން ތިއްބެވީ "ރައީސް ޔާމީންއާ އެކު ގަދަކޮށް" ކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވަނީ އަދި "ޑިސްއަޕޮއިންޓު"ވީ ގައްސާން އާއި އާދަމް ޝަރީފް ދެއްކެވި ވާހަކައިން ކަަމަށެވެ.

އާއިލާގެ ބޭފުޅަކަށްވުމުގެ އިތުރަށް، ގައްސާނަކީ އެއްވެސް ޝަރުތެއް ނެތި އެ މަނިކުފާނާ އެކު ހުންނެވި ބޭފުޅެއް ކަމަށް ކުރިން ހީފުޅުކުރެއްވުނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އާދަމް ޝަރީފަކީ ވެސް އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުން ފެށިގެން ވަރަށް އެކުގައި އުޅުއްވި ބޭފުޅަކަށް ވުމުން އެ އުންމީދު އޭނާގެ ކިބައިން ވެސް ކުރެވުނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ގައްސާނަށް ވުރެ ތަންކޮޅެއް ދުރުން، އެހެން ނަމަވެސް އަޅުގަނޑު ވަރަށް ވަރަށް ޑިސްއަޕޮއިންޓުވޭ އާދަމް ޝަރީފް މިވާހަކަ މިގޮތަށް ދެއްކެވީމާ. އާދަމް ޝަރީފަކީ އުފެދިގެން އައިސް ޑިފެންސް މިނިސްޓަރުކަމާއި މިފަދަ ހުރިހާ ކަމެއް ކޮށްދިނީ އަޅުގަނޑު،

- ރައީސް ޔާމީން

ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެވޭނެ ހާލަތެއް އުފަން ނުވަނީސް "ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް އަތުވެއްޖެ ނަމަ" މިގޮތަށް އެ ދެ ބޭފުޅުން އެ ދުވަހު ވާހަކަދެއްކެވީ އެ ހާލަތު އަންނަނީކަން ދެނެވަޑައިގެންކަން އެކަމުން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އޭރު އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި، މިހާރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ފަދަ ބޭފުޅުންނަކީ ސިޔާސީ މީހުންނަށްވުމުން އެ މީހުން އެގޮތަށް ވާހަކަދެއްކެވުމުން ހިތަށް އެއްޗެއް ނާރާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved