

ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފްވެފައިވާ ކަމަށް ބުނެ ޗެނަލް 13 ގެ ބްރޯޑްކާސްޓް މާދަމާގެ ވަކި ވަގުތެއްގައި މެދުކަނޑާލުމަށް އަންގައި، އަދި ކުޑަކުދިންގެ ކަރާމާތައް އަރައިގެންފައިވާތީ ކަމަށް ބުނެ ރާއްޖެޓީވީ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކޮމުން ދީފި އެވެ.
މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެ ޗެނަލުން ލައިވްކުރި ޕީއެންއެފްގެ "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާތީ ކަމަށް ބުނެ ފިޔަވަޅު އަޅާފައިވާއިރު މިިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުގެ ރޭ އެ ޓީވީން ދެއްކި އެމްޑީޕީ ކުއްލި އެއްވުމުގެ މުޒާހަރާގައި ބްރޯޑްކާސްޓްކުރި ކޮންޓެންޓަކާ ގުޅިގެން ރާއްޖެ ޓީވީއަށް ވަނީ އިންޒާރު ދީފައެވެ.
މިގޮތުން، ޗެނަލް 13 ގެ ބްރޯޑްކާސްޓް މާދަމާ ރޭ 8:00 އިން 10:00 އަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން ވަނީ އަންގާފައެވެ.
ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2025)https://t.co/T0wvYwbICl pic.twitter.com/QdDGj5FOG4
— MVbroadcom (@broadcomMV) September 15, 2025
މީގެއިތުރުން، ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށް އަަމަލުކުރަންވީ ގައިޑްލައިނާ ރާއްޖެ ޓީވީން ވެސް ހިލާފުވެފައިވާ ކަމަށާއި އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އެ މައްސަލައެއްގެ ޒާތަށާއި ހައްސާސް ކަމަށް ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމްއިން ކޮށްފައިވާ އެކްސް ޕޯސްޓްގައި ބުނެފައިވެއެވެ.
ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައި ވަނީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެމްބަރު މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދޮށީ ދަރިކަލުންނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ މައްސަލާގަ އެވެ. އެ މައްސަލާގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ސިވިލް ކޯޓުގައި ދައުވާ ކުރެއްވުމުން، އެ ކޯޓުން ކުރިން ވަނީ އެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލެއްގެ އަބުރު ގެއްލުނުކަން ސާބިތުވާ ކަމަށް ނިންމައިފަ އެވެ.
ބްރޯޑްކޮމް އިން އެޅި މި ފިޔަވަޅަކީ ރާއްޖޭގެ މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ފާސްކުރަން އުޅޭ "މީޑިއާ ކޮންޓްރޯލް" ބިލު ފާސްވެއްޖެނަމަ ރާއްޖޭގެ ކޮންމެ މީޑިއާއެއް ނުވަތަ ނޫސްވެރިންނަށް ކުރިމަތިވާނެ ގޮންޖެހުންތަކެވެ.