theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މީޑިއާ ބިލާ މުއިއްޒު ވެރިކަމާ އެއް ފަދަ އެވެ. އިސްލާހެއް ނުކުރެވޭނެ އެވެ. ހައްލަކީ ބޭރުކުރުމެވެ! / ރައީސް އޮފިސް
ރިޕޯޓު
މީޑިއާ ބިލާ މުއިއްޒު ވެރިކަމާ އެއް ފަދަ އެވެ. އިސްލާހެއް ނުކުރެވޭނެ އެވެ. ހައްލަކީ ބޭރުކުރުމެވެ!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
15 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މިއަދު ގައުމުގައި ގަދައީ ދެ ވާހަކަ އެކެވެ. އެއީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހިންގަމުންދާ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަ އާއި އަދި އެކަން ފަޅާ އަރުވަމުންދާ ޝޯޝަލް މީޑިއާގެ މަންސަތަކާއި ނޫސްވެރިން ހުއްޓުވުމަށް ފާސްކުރަން އުޅޭ" ނޫސްވެރިން ނެތިކޮށްލާ ބިލް" ގެ ވާހަކަ އެވެ.

މި ދެ ވާހަކައިން ފަށާނީ ނޫސްވެރިން ނެތި ކޮށްލުމަށް މުއިއްޒުގެ އެޓާނީ ޖެނެރަލް މިހާރު ފޫގަޅައިގެން ފާސް ކުރަން ހިފައިގެން އުޅޭ މީޑީއާ ބިލުން ނެވެ.

މުއިއްޒުގެ ބޮޓުން ނޭވެ! ދުނިޔެ މިއަދު ބަދަލުވެއްޖެ އެވެ. 2022 ވަނަ އަހަރު ސްރީލަންކާގެ މަސްރަހަށާއި 2024 ވަނަ އަހަރު ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުން ފެނިގެންދިޔަ މަންޒަރުތައް ހެއްކަކަށް ނުފުދެނީ ހެއްޔެވެ. އަދި މިހާރު ނޭޕާލުގެ މަސްރަހުން ފެނިގެން އެދަނީ ރައްޔިތުންގެ މައްޗަށް ވެރިމީހާއަށް ގަދަ ނުވެވޭނެ ކަމުގެ ހެއްކެވެ. ދިވެހި ގާނޫނީ ފޮތުން ބުނާނަމަ ވެރިކަން ފެށި އަދި ދެމި އޮންނާނީ ވެސް ރައްޔިތުން ފަޅީގައި އެވެ.

މިއަދު މުއިއްޒު ވެރިކަން ހިންގަވަން ގެންގުޅޭ "ސްޓުރެޓަޖީ" އަކީ ރައްޔިތުންގެ ހިތުގައި ބިރު އުފައްދައިގެން ދޮގު ހެދުމެވެ. މިވާހަކަ ނޫސްވެރިން ރިޕޯޓް ކުރަން ފެށުމުން ދެން ދިމާކޮށްލީ އަތްދަށުނުވެ އޮތް ދައުލަތުގެ ހަތަރު ވަނަ ބާރާ އެވެ. ދަންނަވަންތޯ އެވެ. ހިޔާލުގައި ދެނެއް ތަޅެއް ނޭޅުވޭނެ އެވެ.

ވެރިމީހާގެ "ބަލާވެރިކަން" ރައްޔިތުންނަށް ޖެހެން ފެށުމުން އެ ވާހަކަ ލިޔެ ނޫސްވެރިން ހާމަ ކުރާނެ އެވެ. އަދި ރައްޔިތުންގެ ހޮޅުއަށި ތަކުގައި އެވާހަކަ އިތުރަށް ގަދަ ވާނެ އެވެ. މި ޒަމާނަށް ބުނާނަމަ ޝޯޝަލް މީޑިއާގައި ވެސް އުތުރި އެއަރަނީ ރައްޔިތުންގެ ޝުއޫރުތަކެވެ. ދެން ރައްޔިތުންގެ ދޫ ބަންދު ކުރާނަމޭ ހިތާ "އޮޅުހިޔާ" ބޭނުން ކޮށްގެން ގާނޫނެއް ހެދިޔަސް ހިޔާލުފާޅުކުރުމުގައި ދެނެއް ތަޅެއް ނޭޅުވޭނެ އެވެ. އެއީ އަދި ދައުލަތުގެ ތިޖޫރީއާއި ބަޑި ގުދަނުގެ ތަޅު ދަނޑި ލިބިގެން ވެސް ނުވާނެ ކަންކަމެވެ.

 ނޫސްވެރިކަމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ވަރަށް ފުޅާ ހައްގެކެވެ. ދައުލަތާއި ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީކުރުވައި، ފާރަވެރިވާން އޮތް ޑިމޮކްރަސީގެ ހަތަރު ވަނަ ބާރެވެ. އެ ބާރު ހަނިކުރަން ކުރެވޭ ކޮންމެ ކަމެއް ވާނީ "އިންގިލާބު" ފެށުމުގެ ފުރަތަމަ ފިޔަވަޅަކަށެވެ. މުއިއްޒު ވެރިކަމުގެ ކޮރަޕްޓް ވާހަކަތައް ރިޕޯޓް ކުރުމުން އެކަންކަން ހުއްޓުވޭނެ ކަމަށް މުއިއްޒުގެ ބޮޓުން ގަބޫލު ކުރުމަކީ "ހިޔަންޏަށް މުޑިނެގުމެވެ."

 މުއިއްޒު ސަރުކާރުގެ ސިޔާސީ މީހުންގެ ދޮގުތަކާއި އެ ދޮގުތަކުގައި ދިވެހި ރައްޔިތުން ޖެއްސި ދާނެ ކަމަށް ބަލާ، ދައުލަތް ލޫޓުވާލާއިރު ބަހެއް ނުބުނެ، ދިވެހިން ކުޅި ބަލަން ތިބޭނެ ކަމަށް ހީކޮށް އޮޅު ހިޔަލަށް ހީލަތްތެރި ރޭވުމެއްގައި "ބަފާ ކަށަވަރު" ނުވާގޮތައް ވައްދައިގެން ތި އުޅޭ ބިލުން ފެންނަން އޮތީ މުއިއްޒުގެ އަދިރި ދައުލަތް ދިގު މުއްދަތަކަށް ދަންމާލަން ދިވެހިންގެ ލޮލުގައި އަޅުވާ ފިސާރި ކުލަ ގަދަ އަނދުނެކެވެ.

މުއިއްޒުގެ ބޮޓުން ދައުލަތެއްގެ ހިންގުމުގެ ނިޒާމަށް ފަރިތަ ނޫނަސް މިއަދު ދިވެހި ގައުމުގައި ހަރަކާތްތެރުވާ ގިނަ ނޫސްވެރިންނަކީ ފާއިތުވި ގިނަ ވެރިކަންތަކުގައި ވެރިން ކަންކުރެއްވި ގޮތުގެ ވައްޓަފާޅިއަށް ފަރިތަ މީހުންނެވެ. އެ ނޫސްވެރިންގެ ތަޖުރިބާއިން މީޑިއާ ނެތިކޮށްލާ ބިލު އެއީ އިސްލާހު ކުރޭ ވަރަށް ވުރެ ގޯސްކޮށް އޮތްއެއްޗެއް ކަމަށް އެބުނަނީ ދެން ނަގަން އޮތް "ގޯސް" ނޫސްވެރިންގެ ލެންސަށް އަރާތީ އެވެ.

އާއެނކެވެ. މިއަދު އޮޅު ހިޔާ ފެސިލިޓީގައި އޮތް ބިލަކީ އިސްލާހް ކުރެވޭ ވަރަށް ވުރެ މާ ގޯސް ބިލެކެވެ އެ ބިލް ޖެހޭނީ ބޭރު ކުރާށެވެ. ނޫން ނަމަ އިތުރަށް ތަކުރާރު ވަމުން ދާނީ މުއިއްޒުގެ ސަރުކާރުގެ ސަބަބުން ތަތްތެޅިފައިވާ ކަޅު އަދިރި މާޒީއެކެވެ. މިކަމާއި ދެކޮޅަށް ބަހެއް ބުނާ ކޮންމެ ރައްޔިތަކު އެ ބިލް ގާނޫނަކަށް ވެ އަމަލްކުރަން ފެށުމުން، ފައްތާލާނީ ކުށުގެ ގޮޅިއަކަށެވެ.

ވިސްނާލާށެވެ. ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރިކޮށް ހުދުމުހުތާރުކޮށް ވެރިކަން ކުރަމުން އަންނަ މުއިއްޒުގެ ވެރިކަމަކީ މިއަދު ދިވެހިންނަށް ކުރިމަތިވެފައިވާ ބަލާ މުސީބާތެކެވެ. ދޮގުހެދުމާއި ދޮގު ފެތުރުމާއިއެކު، ވަގުން ހިމެނޭހެން ހީލަތްތެރިންގިނަ މުނާފިގުންގެ ސިފަ ޖެހިފައިވާ ރައްޔިތުންނަށް އަނިޔާވެރިވަމުން އަންނަ ފާސިގުން ގިނަ ބައިގަނޑެކެވެ.

މުއިއްޒުގެ ވެރިކަމަކީ މިނިވަން ޝަރުއީ ނިޒާމަށް ހުރި ބޮޑު ހުތުރެކެވެ. އަނިޔާވެރި ޑިކްޓޭޓަރެއްގެ ހީލަތްތެރި ރޭވުމުގައި ގައުމު ބީވެގެންދާއިރު ބަލަން ތިބުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ގައުމުގެ ދިފާއުގައި ކުރެވެން އޮތް ގޮތަކަށް ކޮންމެ ރައްޔިތަކު ވެސް މަސައްކަތް ކުރަން ޖެހެ އެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް މިހާރު ދަށަށް ގޮސްފައިވާއިރު މުއިއްޒުގެ ވެރިކަމަކީ އިސްލާހު ކުރޭވޭ ވަރަށް ވުރެ ނުބައިވެ "ފުޅަ" އަޅައިފައިވާ ސަރުކާރެކެވެ. ސްރީލަންކާ، ބަންގަލްދޭޝް، އަދި ނޭޕާލް ފަދަ ގައުމުތަކުން ފެންނަ ފަދަ ގުޑްގަވަނާންސް ނެތް ކޮރަޕްޝަނުގެ ހާއްޔެކެވެ.

ތެދެކެވެ. ހެޓިލަރު ޖަރުމަން ވިލާތުން ޔަހޫދީން ނެރެލިހެން، (މަޖިލިސް ތަޅުމުން) ނޫސްވެރިން ބޭރުކޮށްލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ހަޑި ކަމެކެވެ. އަޅުގަނޑަށް ފެންނަ ތަނުގައި މި ބިލަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ހެޔޮ ވެސް ނުވާ ފަދަ ބިލެކެވެ.

ހަމައެހެންމެ އިސްލާހު ކުރެވޭ ވަރަށް ވުރެ މުއިއްޒުގެ ވެރިކަމާއި ބިލުގެ ފެށުން ވެސް ގޯހެވެ. އެހެން ކަމުން މީޑިއާ ބިލާ މުއިއްޒު ވެރިކަމާ އެއް ފަދަ އެވެ. އިސްލާހެއް ނުކުރެވޭނެ އެވެ. ހައްލަކީ މުއިއްޒު ވެރިކަމުން "ބޭރުކުރުން" ހިމެނޭހެން ބިލު ވެސް ބޭރުކުރުމެވެ. ބިލު ބޭރުކުރަން މަޖިލީހަށް ނުފެންނަ ނަމަ ދެން ކަންތައް ކުރާނެ ގޮތުގެ މަޝްވަރާ ރައްޔިތުންގެ ދަރުބާރުގައި އެބަ ކުރެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved