

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) ގޮވައިގެން ޗެނަލް13 އިން ކޯޓަށް ދާން ނިންމައިފިއެވެ.
ޗެނަލް 13 ގެ ސިއީއޯ އިސްމާއިލް ޞަފްވާން ވިދާޅުވީ، ބްރޮޑްކޮމް ގޮވައިގެން ކޯޓަށް ދާން ނިންމީ ގަވާއިދާ ޚިލާފަށް އެ ޓީވީ ސްޓޭޝަންގެ ބްރޮޑްކާސްޓިން މެދު ކަނޑުވާލާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
ޞަފްވާން ވިދާޅުވީ، ދެއްކި ކޮންެޓެންޓަކާ ގުޅިގެން އެ ޓީވީ ސްޓޭޝަންގެ ބްރޮޑްކާސްޓިން ބްރޮޑްކޮމްއިން މެދުކަނޑުވާލިއިރު އެއީ އެކޮމިޝަނަށް ގާނޫނުން ލިބިގެންވާ ބާރެއް ނޫން ކަމަށާ އެހެންކަމުން ބްރޮޑްކޮމްއިން އަމަލުކުރީ ގާނޫނާ ޚިލާފަށް ކަމަށްވެފައި، ބްރޮޑްކާސްޓިން މެދުކަނޑުވާލީ ޕްރައިމް ގަޑީގައި ކަމަށްވެފައި އެގަޑީގައި ހުރި ޕްރޮގްރާމުތަކުގެ ސްޕޮންސަރުންނަށް ދީފައިވާ ވަގުތުވެސް އެރޭގައި ނުދެއްކި ގެއްލުންތަކެއް ސްތޭޝަނަށް މާލީ ގޮތުން ލިބިފައިވާތީ ކޯޓަށް ދާން ނިންމީ ކަމަށެވެ.
ބްރޮޑްކޮމްއިން ޗެނަލް13ގެ ބްރޮޑްކާސްޓިން ދެ ގަޑިއިރަށް މެދު ކަނޑުވާލީ، މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެ ޗެނަލުން ލައިވްކުރި ޕީއެންއެފްގެ "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާތީ ކަމަށް ބުނެއެވެ.