May 4, 2026
Advertisement
ކުރީގެ ނައިބު ރައީސް ޖަމީލް
ކުރީގެ ނައިބު ރައީސް ޖަމީލް / ސޯޝަލް މީޑިއާ

ގާނޫނު ހަދާ މަޖްލިހުން ކުރާ ކަންތަކަށް މެމްބަރުން ޒިންމާ އުފުލަން ޖެހޭނެ: ޑރ ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 17, 2025, 12:04 AM
މާލެ ސިޓީ

ގާނޫނު ހަދާ މަޖްލިހުން ކުރާ ކަންތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާ އުފުލަން ޖެހޭނެ ކަމަށް ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު އެޖެންޑާ ކޮށްގެން ކުރިއަށްދާ "މިނިވަން މީޑިއާ ނެތިކޮށްލާ" ބިލާއި ގުޅިގެން އެކްސްގައި ޕޯސްޓް ކުރައްވާ ޑރ ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބޭނުންހާ ގޮތެއް ހެދުމަށް ހުއްދަ ދިނުމަށް ރައްޔިތުން ހޮވާފައިވާ ތިބި ބައެއް ނޫންކަމަށާއި ގައުމު މިހާލަތަށް ވެއްޓުމުގައި މެންބަރުން ފުރިހަމައަށް ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

ޖަމީލްގެ ޕޯސްޓްގައި ގާނޫނު އަސާސީގެ ދެވަނަ ބާބު ކަމަށްވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ނުކުތާތައް ހިމަނާފައިވެއެވެ.

މި ބާބުގައި ބުނެފައިވަނީ މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާނޭ ގޮތުގެ މަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ގާނޫނު އަސާސީއިން ކަށަވަރުކޮށްދެއްވާ ކަމަށެވެ.

އަދި މިއިން ކޮންމެ ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ގާނޫނު އަސާސީއާއި ތައާރުޟުނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.

މަޖިލީހުން ފާސްކުރާ ގާނޫނަކުންވެސް އެއިން ހައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ދިމިގްރާތީ މުޖުތަމައުއެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ކުރެވޭ މިންވަރަކަށް ކަމަށެވެ.

އެހެންކަމުން، ސަރުކާރުން މީޑިއާތަކާއި ދެކޮޅަށް މިފަދަ ނިންމެވުމެއް ނިންމެވުމަކީ އޭގެ ފަހަތުގައި ސަރުކާރުގެ އަމިއްލަ އެޖެންޑާއެއް އޮތް ކަމެއްގެ ގޮތުގައި ޖަމީލް ސިފަކުރެއްވިއެވެ.

މި ބިލުގެ ބޭނުންކޮށްގެން ސަރުކާރުން އަމަލުކުރަން ބޭނުންވާ ގޮތަށް މިހާރުއްސުރެ އަމަލުކުރަން ފަށާފައިވާކަންވެސް ހާމަވެއެވެ. މިގޮތުން ޗެނަލް13 ގެ ބްރޯޑްކާސްޓިންގ ޚިދުމަތްތައް މިރޭ 02 ގަޑި އިރަށް މެދުކަނޑާލަން ނިންމާފައިވާއިރު ރާއްޖެ ޓީވީ އަށްވެސް ވަނީ އިންޒާރު ދީ ފިޔަވަޅު އަޅާފައެވެ.

މި ބިލު ފަރުމާ ކޮށްފައިވަނީ ރައްޔިތުންގެ އަސާސީޙައްގު ނެތިކޮށްލާ ރައްޔިތުންގެ ދޫ ބަންދުކުރުމަށް ކަމަށްވެސް ޖަމީލް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved