
ރައްޔިތުންގެ މަޖިލިސްއިން ގާނޫނު ހެދުން މިއަދު ހުއްޓާލަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ޖަމީލު ވަނީ ގައުމުގެ އެކި އިސް މަގާމުތަކުގައި ތިއްބެވީ ކަމަށް ގާބިލު އިލްމާ ހުނަރު ލިބިގެން ތިބި ބައެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ރައީސަކީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމުގައި މުހިއްމު ބާރެއްގެ ވެރިއެއް ކަމަށާ އެ މަގާމުގައި ވެސް ހުންނަވަން ޖެހޭނީ ކަމަށް ގާބިލު އިމު އެނގިވަޑައިގަންނަޥާ ބޭފުލެއް ކަމަށާ ނަމަވެސް މިއަދު އެ މަގާމުގައި ހުންނެވި އަބްދުއްރަހީމު އަބްދުﷲއަކީ އެފަދަ ގާބިލު ހުނަރުވެރި އިލްމީ ބޭފުޅެއް ނޫން ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
މީގެ އިތުރުން މުޅި މަޖިލީހަށް ބެލިއިރު، ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީ އޮތް އެ މަޖިލީހުގައި ތިބި ގިނަ މެމްބަރުންނަކީ ވެސް ގާނޫނު ހަދާ މަޖިލީހަކަށް ބޭނުންވާ އިލްމާ ހިލްމާ ހުނަރާ ތައުލިމާ ތަޖުރިބާ ވެސް ލިބިގެން ތިބި މެމްބަރުން ނޫން ކަމަށާ އެހެން ކަމުން މި ވަގުތަށް ގާނޫނު ހެދުން އެ މަޖިލީހުން ހުއްޓަލަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ޑރ ޖަމީލު ވިދާޅުވިއެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އިންތިގާލީ މަރުހަލާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެމަނިކުފަނުގެ ސަރުކާރުގައި މަގާމުތަކާ އެހެނިހެން އިދާރާތަކުގައި ވެސް ތިއްބަވާނީ ކަމަށް ގާބިލު އިލްމީ ބޭފުޅުން ކަމަށް ވިދާޅުވިކަން ވެސް ޑރ ޖަމީލު ވަނީ ހަނދާނަށް ގެންނަވާފައެވެ.










