ރައީސް އަބްދުﷲ ޔާމީން އަބްދްލްގައްޔޫމްގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ ކުރިޔަށް ނުގެންގޮސް އޮންނަތާ 3 މަހާއި 6 ދުވަސްވެއްޖެއެވެ.
އެންމެ ފަހުން އެ ކޯޓްގައި އެމަނިކުފާނުގެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
އެއީ އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމެވެ. އެޔަށް ފަހު އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށް އެދުވަހު ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފައެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ލަސްވަމުންދާތީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުންވެސް އަންނަނީ ހައި ކޯޓަށް ވަޑައިގެން ލަސްވާ ސަބަބު ހޯދުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން އެމަނިކުފާނުގެ ވަކީލް އާދަމް ޝަމީމް ވިދާޅުވީ ކޮންމެ އިންތިޚާބަކާ ދިމާކޮށް އިސްތިއުނާފް މައްސަލަ ލަސްވާކަމަށެވެ. އަދި އެކަމާ ކަންބޮޑުވާކަމަށެވެ.
ރައީސް ޔާމީންގެ މައްސަލަ ހައި ކޯޓްގައި ލަސްވާ ސަބަބު އޮޅުންފިލުވުމަށްޓަކައި އެ ކޯޓްގެ މީޑިޔާ އޮޮފިޝަލާ ސުވާލުކުރުމުން ޖަވާބުގައި ދެންނެވީ މައްސަލަ ނިމުން އަދި ލަސްނުވާކަމަށެވެ. އަދި ލަފާ ކުރެވޭ ގޮތުގައި މައްސަލަ ލަސްވަނީ ފަނޑިޔާރުން ހުކުމް ތައްޔާރު ކުރައްވަން ވަގުތު ނަންގަވާތީކަމަށެވެ.
އަދުގެ ސަރުކާރުން ނިމިދިޔަ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ވަނީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން މިނިވަންކޮށްދެއްވާނެކަމަށް ވައުދުވެފައެވެ. އެހެންނަމަވެސް ވެރިކަމަށް އައުމަށް ފަހުވެސް ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ހައި ކޯޓްގައި އޮތީ ކުރީ ސަރުކާރުގައި ވެސް އޮތް ހިސާބުގައި ކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމީންގެ މައްސަލަ އަށް މި ސަރުކާރުން ވެސް ނުފޫޒު ފޯރުވަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި އެމަނިކުފާނު މިނިވަންކުރުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.