March 25, 2026
Advertisement
-
- / ތޭރަ އޮންލައިން

ސަރުކާރުގެ އިހުމާލުން ތުއްތު އަޒާން ދުނިޔެ ދޫކުރީ، ޒިންމާ ނަގާނީ ކާކު؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 25, 2026, 09:44 PM
މާލެ ސިޓީ

މައިލަގޮނޑިން ކަށިޖަހާ ފަދަ ހިތާމަވެރި ޚަބަރެކެވެ. ދައުލަތުގެ އިދާރާތަކުގެ އިހުމާލާއި، އެހީއަށް އެދި މަންމައަކު ކުރި އާދޭސްތަކަށް ބީރު ކަންފަތެއް ދީފައި އޮއްވާ، އުމުރުން އެންމެ 6 އަހަރުގެ އިބްރާހިމް އަޒާން ސުހައިލް މިދުނިޔެއަށް އަލްވަދާއު ކިޔައިފިއެވެ.

Advertisement

ސެރެބްރަލް ޕަލްސީ ތަހައްމަލު ކުރަމުންދިޔަ ކުޑަކުޑަ އަޒާން ނިޔާވީ، އޭނާގެ ފުރާނަ ދަމަހައްޓަން ބޭނުންވާ ކާއެއްޗެހި ބަނޑަށް ފޮނުވައިދޭ "ފީޑިންގް ޓިއުބް" ނުވަތަ ހޮޅިކޮޅެއް ނުލިބި 8 މަސްދުވަސް ވަންދެން އާއިލާއިން ކުރި ހިތްދަތި އިންތިޒާރަށްފަހުގައެވެ.

މި މައްސަލަ ފެންމަތިވީ އަޒާންގެ މަންމަ އާމިނަތު ޔަޝްފާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. ޔަޝްފާ ބުނި ގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް އެ ހޮޅިކޮޅު ހޯދަން އޯޑަރު ދީފައިވެއެވެ. ނަމަވެސް އަށް މަސް ފާއިތުވެގެން ދިޔައިރުވެސް އެސްޓީއޯ އާއި އެންސްޕާގެ ތެރޭގައި މިކަން އޮތީ "ޕިންގްޕޮންގް" ބޯޅައެއް ފަދައިން އެއް ބަޔަކު އަނެއް ބަޔަކަށް ޒިންމާ އުކާލުމުގެ ތެރޭގައެވެ.

އައިޖީއެމްއެޗްގެ ސްޓޮކް ހުސްވެ، އަމިއްލަ ފާމަސީތަކުންވެސް އެ ހޮޅިކޮޅު ލިބެން ނެތްއިރު، މީގެ ކުރިން އެސްޓީއޯއިން ފަސޭހައިން ލިބެން ހުރި މި ހޮޅިކޮޅުގެ އަގު ބައެއް ފަރާތްތަކުން 13،000 ރުފިޔާއަށް އުފުލާފައިވާ ކަމުގެ ޝަކުވާތައްވެސް ވަނީ ފެންމަތިވެފައެވެ.

އަޒާންގެ ހާލަތު ގޯސްވެ، ފަހު ނޭވާ ގުނަމުންދިޔަ ވަގުތު އައިޖީއެމްއެޗްއަށް ހޮޅި ލިބިފައިވާކަން އެންގި ކަމަށާއި ނަމަވެސް އޭރު މާ ލަސްވެފައިވާކަމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ދައުލަތުގެ ދެ އިދާރާއެއްގެ މެދުގައި އޮތް އިދާރީ މައްސަލައެއްގެ ސަބަބުން، ކުޑަކުޑަ ފުރާނައެއް ގެއްލިގެން ދިޔައިރު، މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް އަދިވެސް ނެތެވެ. މިއީ ހަމައެކަނި އިހުމާލެއް ނޫނެވެ. މިއީ އިންސާނިއްޔަތުކަމެއް ނެތް، އިދާރީ ފަރުވާކުޑަކުރުމުގެ ނަތީޖާއެވެ.

އަޒާންގެ ކަށުނަމާދު އޮތީ މިރޭގެ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. މިއަދު މުޅި ގައުމު ރޮނީ އެ ކުޑަކުޑަ އަޒާންއަށްޓަކައެވެ. އަދި ދައުލަތުގެ ނިޒާމުގެ ތެރޭގައި ތާށިވެފައިވާ މިފަދަ އެތައް އާއިލާއެއްގެ ހައްގުގައެވެ.

ކަންމިހެން ހުރި އިރު ގައުމުގެ ވެރިމީހާ އުޅެނީ އިންތިޚާބަކަށްޓަކައި މުޅި ދައުލަތް ހުސްކޮށް ތިމާ ވަރުގެ ރައީސެއް ނެތް ކަމަށް ދެއްކުމުގައި ބިޒީކޮށެވެ. ޕީއެންސީ ދޫނިތައް ހިތް އުފާކޮށްފައި ބެހެއްޓުމަށް ދައުލަތުގެ މާލިއްޔަތު ހުސްކުރަމުންދާއިރު ނިކަމެތި ރައްޔިތުން ބޭނުންވާ ބޭސްފަރުވާއަށް ސަލާން ޖަހަމުންދާއިރުވެސް މުއިއްޒަށް އެ މަންޒަރު ނުފެނުނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved