
ކޮންބައެއްކަން ނޭނގޭ ގޮތަށް ޗެނަލް13ގެ ސާވާތަކަށް ދިން ސައިބަރ އެޓޭކުގެ ސަބަބުން ވަގުތީ ގޮތުން ބްރޮޑްކާސްޓިން މެދު ކަނޑާލަން ދިމާވި ނަމަވެސް، މިރޭގެ އިޝާ ނަމާދަށް ފަހު އެ ޓީވީ ސްޓޭޝަންގެ ބްރޮޑްކާސްޓިން އަލުން ފަށާނެކަން ހާމަކޮށްފިއެވެ.
ޗެނަލް13ގެ ސީއިއޯ، އިސްމާއިލް ސޮފްވާން ވިދާޅުވީ، ކާކުކަން ނޭނގޭ ގޮތަށް ދިން ސައިބަރ އެޓޭކަކީ އެ ސްޓޭޝަންގެ މަގުބޫލުކަން އިތުރުވެ، ސަރުކާރު ޖަވާބުދާރީ ކުރުވަން އެ ޓީވީ ސްޓޭޝަނުން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
ރޭގެ ދަން ވަގުތެއްގައި ޗެނަލް13ގެ ސާވާތަކަށް ސައިބާ ހަމަލާ ދިނުމުން މެދު ކަނޑާލަން ޖެހުނު ބްރޮޑްކާސް މިރޭ ފަށާ، އެންމެ ފުރަތަމަ ޕްރޮގްރާމަކަށް ގެނެސް ދިނުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާއާ ސުވާލެއް ކޮށްގެން ޖަލަށްލި ނޫސްވެރިޔާ، މުހައްމަދު ޝަހުޒާންގެ އިންޓަރވިއު ކަމަށް ވެސް ސޮފްވާން ވަނީ ވިދާޅުވެފައެވެ.
ސޮފްވާނު ހާމަކުރެއްވި ގޮތުގައި ސައިބަރ ހަމަލާއަކަށް ސިހި ފަހަތަށް ޖެހޭ ވަރަށް ވުރެ އޭނާގެ ޓީމު ވަރުގަދަވާނެ ކަމަށެވެ.
ޝަހުޒާންގެ އިންޓަރވިއު މިރޭ 8:00 ގައި އެ ޓީވީ ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.










