March 25, 2026
Advertisement
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް / ސޯޝަލް މީޑިއާ

ފަލަސްތީނުގެ ރައީސަށް އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެވޭނެހެން ގަރާރެއް ފާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 20, 2025, 02:12 AM
މާލެ ސިޓީ

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، އދ. ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިކުރުމަށް އދ.ގެ އާންމު މަޖިލީހުން ވޯޓު ދީ، ފާސްކޮށްފިއެވެ.

Advertisement

މިފަދައިން އދ. އިން ފާސްކުރީ އެމެރިކާއިން އެމަނިކުފާނަށް ވިސާ ނުދޭން ނިންމުމާ ގުޅިގެންނެވެ.

އދ. ގެ އެ ނިންމުމާއެކު ރައީސް އައްބާސްއަށް ޔޫއެންޖީއޭގެ އާންމު މަޖިލީހަށް ވީޑިއޯ މެދުވެރިކޮށް މުޚާތަބުކުރެއްވުމުގެ މަގު ފަހިވެގެންދާނެއެވެ. މި ގަރާރަށް 145 ޤައުމަކުން ތާއީދުކުރިއިރު، 5 ޤައުމަކުން ވަނީ ދެކޮޅަށް ވޯޓު ދީފައެވެ. އަދި 6 ޤައުމަކުން އެއްވެސް ވަކި އަތަކަށް ވޯޓު ދީފައިނުވެއެވެ.

އޮގަސްޓު މަހުގެ ތެރޭގައި އެމެރިކާއިން ވަނީ ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ) އަދި ފަލަސްތީނުގެ އޮޓޮނޮމަސް އޮތޯރިޓީ (ޕީ.އޭ) ގެ މެންބަރުންނަށް ވިސާ ދިނުން ހުއްޓާލައި، އަދި ދީފައިވާ ވިސާތައް ބާތިލުކޮށްފައެވެ.

އެމެރިކާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޕީ.އެލް.އޯ އާއި ޕީ.އޭ އިން އެމެރިކާއަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް އަމަލުނުކޮށް، ސުލްހައިގެ މަގަށް ހުރަސްއަޅަމުންދާ ކަމަށެވެ. އަދި މިކަންކަމަށް އެ ދެ ޖަމާއަތް ޖަވާބުދާރީ ކުރުވުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި މުހިންމު ކަމެއް ކަމުގައި ޓްރަމްޕްގެ ސަރުކާރުން އަބަދުވެސް ބުނަމުންދާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެމެރިކާއިން އެ ފަދަ ނިންމުމެއް ނިންމާފައިވަނީ، އެމެރިކާގެ ބައެއް އެކުވެރި ޤައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

އާންމު މަޖިލީހުގެ ތަޤްރީރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ. މީގެ ކުރިން އަންނަ ހޯމަ ދުވަހު، އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ފްރާންސް އާއި ސައޫދީ އަރަބިއްޔާއިން ބާއްވާ ސަމިޓެއްގައި ދުނިޔޭގެ ލީޑަރުން ބައިވެރިވާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved