ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް މަސް ގަންނަ އަގު 20ރ. އަށްވުރެ ކުޑަ ނުކުރާނެ ކަމަށް މީގެ ކުރިން ރިޔާސީ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ މަސްވެރިންނަށް ހުވަފެން ދައްކަން ފަށައިފިއެވެ.
ރާއްޖޭގެ ބައެއް ރަށްރަށަށް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މ. ދިއްގަރަށް ވަަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ބައެއް ވައުދުތަކަކީ ވެރިކަމުގެ ފުރަތަމަ ދުވަހު ފުއްދޭ ކަމެއް ނޫން ކަމަށެވެ.
20 ރުފިޔާ މަސް ގަންނަ އަގު ބަދަލު ކުރާނެ ކަމަށް ބުނާ ދުވަހު ސީދާ އެކަން ނުވާނެ ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން މަސް ގަންނަ އަގު 20ރ އަށް ވުރެ ކުޑަކޮށް މަސްވެރިންގެ ފައިސާ ނުދީ އެތަކެއް މަހެއް ވަންދެން ހިފަހައްޓާ މަސްވެރިން ވަނީ ނިކަމެތިކޮށްފައެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ ތާރީޚުގައި މަސްވެރިން އިހުތިޖާޖު ނުކުރާ ވަރަށް މި ސަރުކާރުގައި މަސްވެރިން ވަނީ ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ.
ހަމަ ނަމެއްގައި މާދަމާއިން ފެށިގެން 20ރ. އޭ ބުނީމާ އަދި އެކަމެއް ނުއެއްވޭ، އެހެންވީމާ ހަމަ އެކަން ވެސް ހާސިލު ކުރުމަށްޓަކައި މިދަނީ ވަރަށް ބައިވަރު މަސައްކަތްތަކެއް އިންޑަސްޓްރީ ތެރެއިން މިނިސްޓްރީ އާއި އަދި މިފްކޯ އާއި ދެން ކަމާގުޅޭ ހުރިހާ ފަރާތްތަކާ އެކީގައި ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން
މަހުގެ އަގު ދަށް ނުކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މަދުވެގެން ފަސް ފަހަރު ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.
ހުރިހާ ފަހަރަކު ވެސް ވިދާޅުވެފައި ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރައްވާނެ ކަމަށެވެ.
ނަމަވެސް ކަންވެދިޔަ ގޮތް ރައްޔިތުންނަށް ވަރަށް ސާފެވެ. އަދިވެސް ދައްކަނީ ހަމަ އެއް ވާހަކައެކެވެ.