theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފަހި ޔޫނިއަންގެ ފަރާތުން ގާނޫނީ ވަކީލު އަލީ ހުސައިން: / ސަން
ހަބަރު
ފަހި ޔޫނިއަނުން މުއިއްޒު އަށް؛ ފުލެޓުތަކުގެ ކުލި ކުޑަކޮށް ޑައުންޕޭމެންޓް އުނިކޮށްދީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިފައިވުމުން އެކަމަށް ރިއާޔަތްކުރައްވައި، ގެދޮރުވެރިޔާ ފުލެޓުތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމެންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަނުން ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައިފި އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިއުލާންކޮށް، މަސައްކަތް ފެށި ގެދޮރުވެރިޔާ ފުލެޓުތަކުގެ ތެރެއިން ނިމުނު ފުލެޓުތަކަށް ޑިޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ މިހާރު އަންނަނީ ނަގަމުންނެވެ. އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިންނެވެ.

އެފްޑީސީން ބުނީ މި މަހުގެ 14އާ ހަމައަށް ޑިޕޮސިޓް ދައްކަން 909 މީހަކު ތާވަލުކޮށްފައިވާއިރު 588 މީހުން ޑިޕޮސިޓް ދައްކައި ނިންމާފައިވާ ކަމަށެވެ. ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހެނީ 25,000 ރުފިޔާއެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކޮށް ފަހި ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، 4000 ފުލެޓް ލިބިފައިވާ މީހުންގެ ކުލި ކުޑަކުރުމަށާއި އެޑްވާންސް ފައިސާ އުނިކުރުމަށް އެ ޔޫނިއަނުން އެދިފައިވަނިކޮށް، އެކަމަށް އިޖާބަ ނުދީ، ފުލެޓު ދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އަދި މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅުނު ނަމަވެސް ކުރު މުއްދަތަކަށް މާލެއިން ބޭރަށް ދިޔުމަށްފަހު އެނބުރި އައިސްފައިވާ މީހުންގެ ޝަރުތު ހަމަވާން ޖެހޭކަން ފާހަގަކުރި ނަމަވެސް އެ މީހުންނަށް ފުލެޓް ނުލިބޭނެކަމަށް ބުނެ ސިޓީ ފޮނުވަމުންދާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

ފަހި ޔޫނިއަނުގެ ބަޔާނުގައިވަނީ، މިދިޔަ ހަފުތާގައި ރައީސް މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ތިމަރަފުއްޓަށް ވަޑައިގެން، ސޯޝަލް ހައުސިންގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަދެއްކެވި ކަމަށެވެ.

އެ ޔޫނިއަނުން ބުނި ގޮތުގައި، ފުލެޓްތަކުގެ ކުލި ކުޑަކޮށްދެއްވި ސަބަބެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށްވެ، ކުލިދެއްކުމަށް ދަތިވެފައިވުމެވެ.

އެއިރު ޑޮލަރުގެ އަގުހުރީ 16.50ރ އަށެވެ. ނަމަވެސް މި 4000 ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ފެށިގެން މިދާ 2025 އަހަރުގައި ޑޮލަރުގެ އަގުހުރީ 20ރ އާއި 21ރ ދެމެދުގައެވެ.

- ފަހި ޔޫނިއަންގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު، ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުންނާއި، އެ ނޫން ވެސް އެކިއެކި ސަބަބުވެރި ހާލަތްތައް މެދުވެރިވެ، މާލޭގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިގެން މަޖުބޫރީ ހާލަތްތަކުގައި ރަށްރަށަށް ބަދަލުވާން މަޖުބޫރުވި މީހުންނަކީވެސް މާލޭގައި ދިރިއުޅުން މެދުކެނޑިފައިވާ ފަރާތްތަކެއްކަމަށް ބުނެ ފުލެޓް ނުލިބޭނެކަމަށް ސިޓީފޮނުވަމުންދާތީ އެކަން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންކަމަށް ފަހި ޔޫނިއަނުން ބުންޏެވެ.

އެފަދަ މީހުންނަކީ މާލޭގައި ދިރިއުޅުން މެދުކެނޑިފައިވާ މީހުން ކަމަށް ބުނެ ފުލެޓް ނުލިބޭނެކަމަށް ސިޓީ ފޮނުވަމުންދާތީ އެ ހާލަތްތައް މެދުވެރިވި މީހުންނަށް ސީޓީ ފޮނުވުން ހުއްޓާލުމަށާއި ފުލެޓް ހަވާލުކުރުމަށް، އެ ޖަމިއްޔާއިން ރައީސަށް ގޮވާލި އެވެ. އަދި ހައްގުވެރިންނަށް ފުލެޓް ލިބުމުގެ ހައްގު ނިގުޅައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާކަމަށް ތުހުމަތުކޮށް، އެގޮތަށް އެކަން ނުކުރުމަށް ފަހި ޔޫނިއަނުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved