theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފަހި ޔޫނިއަންގެ ބައްދަލުވުމުގެ ތރެއިން / ސޯޝަލް މީޑިއާ
ހަބަރު
ނުރައްކާތެރި މާއްދާތައް ހިމަނައި އެއްބަސްވުން ހެދުމުން ފަހި ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
27 ޖުލައި 2025
މާލެ ސިޓީ

ކުރީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން ގެދޮރުވެރިޔާ ފްލެޓުތަކުގެ އެއްބަސްމުގައި ނުރައްކާތެރި މާއްދާތައް ހިމަނައި އެއްބަސްވުން ހެދުމުން ފަހި ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފަހި ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ވަކީލު އަލީ ހުސައިން ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިހާރު އަލަށް އެކުލަވާލި ފްލެޓް އެއްބަސްވުމުގެ ދަށުން އެއްވެސް ހާލަތެއްގައި ކުލި ނުދެއްކިއްޖެނަމަ، އެ ފްލެޓެއް ގެއްލުވާލުމުގެ ބާރު އެފްޑީސީއަށް ލިބިގެންވާ ކަމަށެވެ.

ހަމައެހެންމެ އެފްޑީސީގެ އެއްބަސްވުންތައް ހުރީ ރައީސްގެ ވައުދުފުޅުތަކާއި ދިމާ އިދިކީލައަށް ކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ، މިހާރު ކަންކަން ކުރިއަށްދާ ގޮތުން ފްލެޓުގެ މިލްކުވެރިކަން ލިބޭނީ 25 އަހަރު ފަހުން ކަމަށެވެ.

އެގޮތުން 25 އަހަރު ފަހުން މިލްކުވާ އެ ފްލެޓަށް 24 އަހަރު ބަރާބަރަށް ކުލި ދެއްކުމަށްފަހު ޖެހިގެން އަންނަ ދެ މަހު ކުލި ނުދެއްކޭ ހާލަތެއްގައި ވެސް އެ ފްލެޓެއް އަތުލައި އެއްބަސްވުން ބާތިލު ކުރުމުގެ ބާރު އެފްޑީސީއަށް ލިބިފައި އޮތުމަކީ ނުރައްކާތެރި ކަމެއްކަން ފަހި ޔޫނިއަންއިން ފާހަގަކޮށްފައިވެއެވެ.

ކުލި އެއްވެސް ހާލަތަކާ ގުޅިގެން ނުދެއްކިއްޖެ ކަމަށްވާނަމަ މިވާގޮތަކީ ފްލެޓް ގެއްލުވާލުމުގެ ނުވަތަ ފްލެތް އަތުލުމުގެ ބާރު އެބަ އޮތް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް. އެފްޑީސީއަށް. މިއީ ވަރަށް ނުރައްކާތެރި ކަމެއް އެނގޭތޯ. މީގެ ނުރައްކާތެރިކަން މިހެން ތިބެ ވިސްނާލީމަ ކުއްލިއަކަށް ނޭގޭނެ. ނުރައްކާތެރިކަން އަޅުގަނޑުމެން ތަންކޮޅެއް ފުންކޮށް ވިސްނާލަން ޖެހޭނެ. މިސާލަކަށް މީހަކު ކުލީގެ އެއްބަސްވުން ހަދާފައި މިއޮތީ 25 އަހަރަށް. މީހަކު މިސާލަކަށް 24 އަހަރު ވަންދެން ކުލި ދައްކަނީ. 24 އަހަރު ވަންދެން ކުލި ދައްކާފައި ޖެހިގެން އަންނަ ދެ މަހު އޭނާއަށް ކުލި ނުދެއްކުނީ. އެހިސާބުން މިވާ ގޮތަކީ އެއްބަސްވުން މިއޮތް ގޮތުން އޭނާގެ އެއްބަސްވުން ބާތިލުކޮށްލެވޭ.

- އަލީ ހުސެއިން

ރައްޔިތުންނަށް ފްލެޓެއް ދިނުމުގެ ބަދަލުގައި ކުލީގެ އެއްބަސްވުމެއް ސަރުކާރުން އެކުލަވާލުމުން ނިޔަތާ މެދު އަލީ ހުސައިން ސުވާލު އުފައްދަވާވަެސް ވެއެވެ.

ހަމަ އެހެންމެ ފްލެޓް އެއްބަސްވުމުގެ 25.1 ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ފަރާތަށް ލިބިފައިވާ ހައްގުތަކާއި މަސްލަހަތުތައް، ކުއްޔަށް ހިފާ މީހާގެ ރުހުން އިތުރަށް ހޯދުމަކާ ނުލައި، އެހެން ތިންވަނަ މީހަކަށް ވިއްކުމުގެ ނުވަތަ އެސައިން ކުރުމުގެ ނުވަތަ އެނޫން ވެސް ގޮތަކަށް ބަދަލު ކުރުމުގެ ބާރު އެފްޑީސީއަށް ލިބޭތީ އެކަމާ ވެސް އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ފަށާފައިވާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލު ގެޒެޓު ކުރީ ސެޕްޓެމްބަރު 23، 2023، ގަ އެވެ.

އޭރުގެ އެމްޑީޕީ ސަރުކާރުން އެ ސްކީމް ހުޅުވާލީ މާލޭގެ ރައްޔިތުންނާއި، ދަފްތަރުގައި ތިބި ރައްޔިތުންނާއި، 20 އަހަރަށް ވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅެފައިވާ ރައްޔިތުންނަށް ކުރިމަތިލެވޭ ގޮތަށެވެ.

އެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ހޯދުމަށް 40،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެއީ ބިން ހޯދަން ހުށަހެޅި 19،347 ފޯމާއި ފްލެޓު ހޯދުމަށް އެދި ހުށަހެޅި 21،247 ފޯމެވެ.

ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ކުލި ދައްކާ ނަމަ 7،000 ރުފިޔާ ދައްކާ 02 ކޮޓަރީގެ އެޕާރޓްމަންޓަކަށް ސަތޭކަ ޕަސެންޓަށް ވުރެ ބޮޑު ޖޫރިމަނާ އާއި އެކު 15،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީ އާ އެކުވެވޭ އެގްރިމެންޓްގައި ހިމަނާފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި 9،000 ރުފިޔާ ދައްކާ 03 ކޮޓަރީގެ އެޕާރޓްމަންޓަކަށް 170 ޕަސެންޓަށް ވުރެ ބޮޑު ޖޫރިމަނާ އަކާއި އެކު 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީ އިން ވަނީ ބުނެފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved