

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ލިސްޓު ސަރުކާރުން އާންމު ކުރުމުން އެކަމުގައި ހުރި ޝަކުވާތައް ގިނަވެ މި ވަގުތައް 8600 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.
ފްލެޓަށް ޝަކުވާއަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގަ އެވެ. ރޭ ދަންވަރު 12:00 އަށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވެފައި ވާއިރު އެ މުއްދަތުގައި 8،602 ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އެ 4،000 އިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.
ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޕޯޓަލް މެދުވެރިކޮށް 5،236 ޝަކުވާ ހުށަހަޅާފައިވެ އެވެ. އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ އަދި މިނިސްޓްރީގެ ކައުންޓަރަށް 526 ސިޓީ ހުށަހަޅާފައިވެ އެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާތީ، އެންމެ ބޮޑު އިސްކަމެއް ދެނީ ޝަކުވާތައް ބަލާ ނިންމުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ފުލެޓު ލިސްޓު ނެރެފައިވަނިކޮށް ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ލިސްޓަށް ޒައްރެއްގެ މިންވަރަށް ވެސް ނުފޫޒު ފޯރައިފައި ނޯންނާނެ ކަމަށާއި އެއީ މިހާތަނަށް ނުފޫޒެއް ނުފޯރުވާ ނެރުނު އެންމެ ފުރަތަމަ ފްލެޓް ލިސްޓު ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސްގެ އެވާހަކައިގައި "ދޮގު" ހިމެނޭ ކަން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދު އަށް ފްލެޓް ލިބިވަޑައިގެންނެވުމުން އެކަން ސާފުކަމަށް ގިނަބަޔަކު އަންނަނީ ބުނަމުން ނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ހައިދަރު ދިރިއުޅުއްވީ އިނގިރޭސިވިލާތުގައި ކަމަށް ވުމުން އެކަމުގެ ކަންބޮޑުވުން ވެސް އާންމުން އަންނަނީ ފާޅުކުރަމުންނެވެ.
ނިމިދިޔަ ސަރުކާރުން "އިވޭލުއޭޓް'' ކޮށް ފްލެޓްގެ ހައްގުވެރިންނަށް ލިޔުން ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ އިރު މުއިއްޒު ސަރުކާރަކުން ވެރިކަމާއި ހަވާލުވެ ރައްޔިތުންގެ ހައްގު ނިގުޅައި އެބަޔަކު ބޭނުންވާ ބަޔަކަށް ފްލެޓްތައް ދިނުމަށް މަަސައްކަތް ކުރަމުން އަންނަ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.