

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ލިސްޓު ސަރުކާރުން އާންމު ކުރުމުން އެކަމުގައި ހުރި ޝަކުވާތައް ގިނަވެ 2800 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.
މިދިޔަ މަހުގެ 27 ގައި އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާއަށް ހުޅުވާލީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެ ލިސްޓުން އުނިވި މީހުންނަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާއިރު، އެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ 15ގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ލިސްޓަށް ޝަކުވާ ހުށަހަޅައިފައިވާ އަދަދުތަކުގެ ތަފުސީލުތައްހާމަކޮށްފަ އެވެ އެގޮތުން މިހާތަނަށް އެ ލިސްޓަށް ޖުމުލަ 2،843 ޝަކުވާ ހުށަހަޅާފައިވާ ކަމަށް މިނިސްޓްރރީން ވަނީ މައުލޫމާތު ދީފަ އެވެ. އެއީ، ތިން ކޮޓަރީގެ ފުލެޓު ލިސްޓާ ގުޅޭ 2،079 ޝަކުވާއާއި ދެ ކޮޓަރީގެ ފުލެޓު ލިސްޓާ ގުޅޭ 764 ޝަކުވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ހައުސިން މިނިސްޓްރީން 4،939 ފަރާތެއްގެ ފޯމް އަލުން ބެލި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށެވެ.
ފުލެޓު ލިސްޓު ނެރެފައިވަނިކޮށް ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ލިސްޓަށް ޒައްރެއްގެ މިންވަރަށް ވެސް ނުފޫޒު ފޯރައިފައި ނޯންނާނެ ކަމަށާއި އެއީ މިހާތަނަށް ނުފޫޒެއް ނުފޯރުވާ ނެރުނު އެންމެ ފުރަތަމަ ފްލެޓް ލިސްޓު ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސްގެ އެވާހަކައިގައި "ދޮގު" ހިމެނޭ ކަން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދު އަށް ފްލެޓް ލިބިވަޑައިގެންނެވުމުން އެކަން ސާފުކަމަށް ގިނަބަޔަކު އަންނަނީ ބުނަމުން ނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ހައިދަރު ދިރިއުޅުއްވީ އިނގިރޭސިވިލާތުގައި ކަމަށް ވުމުން އެކަމުގެ ކަންބޮޑުވުން ވެސް އާންމުން އަންނަނީ ފާޅުކުރަމުންނެވެ.
ނިމިދިޔަ ސަރުކާރުން "އިވޭލުއޭޓް'' ކޮށް ފްލެޓްގެ ހައްގުވެރިންނަށް ލިޔުން ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ އިރު މުއިއްޒު ސަރުކާރަކުން ވެރިކަމާއި ހަވާލުވެ ރައްޔިތުންގެ ހައްގު ނިގުޅައި އެބަޔަކު ބޭނުންވާ ބަޔަކަށް ފްލެޓްތައް ދިނުމަށް މަަސައްކަތް ކުރަމުން އަންނަ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ [email protected] އީމެއިލްއަށް ނުވަތަ އެ މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅޭނެ އެވެ. އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ވުޒާރާގެ 4004911 އަދި 4004910 ފޯނަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ އެވެ.