

ފަލަސްތީނުގެ މިނިވަން ކަމަށް އެ ގައުމުގެ ރައްޔިތުން ކުރާ އުންމީދު ފަޑު ނުވާނެ ކަމަށާއި ފަލަސްތީނުގެ މިނިވަންކަމަށް އަލިވިލި, ފަލަސްތީނުގެ ދިދަ ވައިގެ ތެރޭގައި ވިހުރޭނެ ކަމަށް އެ ގައުމުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް މިފަދައިން ވިދާޅުވީ އދ ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ނެވެ. އެމެރިކާއިން ވިސާ ދިނުމަށް އިންކާރުކުރުމުން އައްބާސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ވީޑިއޯ މެދުވެރިކޮށެވެ.
ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ފްރާންސާއި ސައޫދީ އަރަބިއްޔާ އިސްނަގައިގެން ބޭއްވި ސަމިޓަށް ޝުކުރު އަދާކުރައްވަމުން އައްބާސް ވިދާޅުވީ އިންސާފު ގާއިމުނުކުރެވި ސުލްހަ ގާއިމުނުވާނެ ކަމަށެވެ. އަދި ފަލަސްތީނު މިނިވަންނުވެ އިންސާފު ގާއިމުނުވާނެ ކަމަށް ވިދާޅުވި އެވެ.
މިނިވަންކަމަށް އަލިވިލޭނެ. މި ނުގުޑާ އަޒުމާއި ޝަރަފުގެ ނިޝާނެއްގެ ގޮތުގައި ފަލަސްތީނުގެ ދިދަ އުފުލާލައި ވައިގެ ތެރޭގައި ވިހުރޭނެ،
އައްބާސް ވިދާޅުވީ, ފަލަސްތީނުގެ ރައްޔިތުންނަށް ސަހްޔޫނީން ކުރިމަތިކޮށްފައިވަނީ ނަސްލު ނައްތާލުމާއި، ފަނާކުރުމާއި، ބަނޑުހައިހޫނުކަމާއި، ގެދޮރު ދޫކުރުމަށް މަޖުބޫރުކޮށްފައިވާ ހަނގުރާމައެއް ކަމަށެވެ. ކުރު ނަމަވެސް އަޒުމު ވަރުގަދަ ތަގުރީރެއްގައި އައްބާސް ވަނީ ސަހްޔޫނީނާ އެކު ހުޅަނގު އައްސޭރިއާއި ގާޒާގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އެ މަނިކުފާނުގެ ކުރިއަށް އޮތް ތަސައްވުރު ހާމަކުރައްވާފައެވެ.
ދެ ދައުލަތުގެ ހައްލެއް ހޯދުމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރެއް ލިބިފައިވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ދެކޮޅު ހަދާ އެމެރިކާއާއި ސަހްޔޫނީން ގާތް ގުޅުމެއް އޮންނަ ގިނަ ގައުމުތަކުން ފަލަސްތީނު ދައުލަތެއް ގަބޫލުކުރާކަން އިއުލާނުކުރުމުންނެވެ.
ސަހްޔޫނީންނަށް ހަމާސް އިން އޮކްޓޫބަރު 7 ގައި ދިން ހަމަލާ ކުށްވެރިކުރައްވަމުން އައްބާސް ވިދާޅުވީ އެއީ އިޒްރޭލުގެ އާންމުންނަށް ދިން ހަމަލާއެއް ކަމަށާއި އެއީ ފަލަސްތީނު ރައްޔިތުން މިނިވަންކަމަށް ކުރާ ޖިހާދުގެ ރޫހު ތަމްސީލުވާ އަމަލެއް ނޫން ކަމަށެވެ. ޣައްޒާ އަކީ ފަލަސްތީނުގެ ދައުލަތުގެ ބައެއް ކަމަށާއި އެހެންވެ ހަމާސްގެ ބައިވެރިވުމެއް ނެތް ގޮތުގައި ގާޒާގައި ފަލަސްތީނުގެ ބާރު އޮންނާނެ ގޮތަށް މަސައްކަތް ފަށަން ތައްޔާރު ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ނިންމާލުމުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް އުއްމީދުގެ މެސެޖެއް ފޮނުއްވަމުން އައްބާސް ވިދާޅުވީ، އިސްރާއީލުން ދޭ ތަކުލީފު ކިތަންމެ ދުވަހަކު ދެމިގެން ދިޔަޔަސް އޭގެ ސަބަބުން ދިރިހުރުމާއި ދިރިހުރުމުގެ އިހުތިޔާރު މުގުރާނުލާނެ ކަމަށެވެ.
އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ.