
ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އިސްރާއީލުގެ ބައެއް ކޮމްބަޓް ބްރިގޭޑްތައް އަނބުރާ ގެންދިއުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އަމުރުކޮށްފިއެވެ.
ޗެނަލް 11 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން މި ނިންމުން ނިންމީ ހިޒްބުالله އިން ބޭނުންކުރާ އެފްޕީވީ (FPV) ޑްރޯންތަކުގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ސިފައިންނަށް ލިބޭ ގެއްލުންތައް އިތުރުވަމުންދާތީއެވެ. މި ޑްރޯންތަކަކީ ހަނގުރާމައިގެ މައިދާނުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދަމުންދާ ހަތިޔާރެއްކަން ވަނީ ފާހަގަކުރެވިފައެވެ.
ހިޒްބުاللهގެ އެފްޕީވީ ޑްރޯންތަކުގެ އަސަރުގަދަކަން ހަމައެކަނި ލުބުނާނުގެ ސަރަހައްދަކަށް ނޫނެވެ. މި ޑްރޯންތައް ބޭނުންކޮށްގެން ލުބުނާނުގެ ސަރަހައްދުން ބޭރުގައި ތިބި އިސްރާއީލުގެ އިސްތިއުމާރީ ސިފައިންނަށްވެސް ވަނީ ފަނާކުރަނިވި ހަމަލާތަކެއް ދީފައެވެ.
މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އަސްކަރީ އުޅަނދުތަކާއި ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، މިއީ އިސްރާއީލުގެ އަސްކަރިއްޔާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.










