
އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށް ބުނެ އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އެކަން ކުށްވެރިކޮށްފިއެވެ. އިސްރާއީލުން މިހެން ބުނެފައިވަނީ ދާދި ފަހުން އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު މިފަދަ މޭރުމަކުން ވާހަކަދެއްކެވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައުގެ ގިނަ ބަޔަކު ދަނީ އިސްރާއީލުގެ އަމަލުތަކާމެދު ސުވާލު އުފައްދަމުންނެވެ. ވަކިން ހާއްސަކޮށް، ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ނަސްލެއް ނައްތާލުމަށް ހިންގާ ގަތުލުއާންމަކީ ކޮން ފަދަ ކަމެއްތޯ ދަނީ ސުވާލު އުފައްދަމުންނެވެ.
އީރާނުގެ ހަމަލާއަކީ ޖަރީމާއެއް ކަމަށް ބުނާއިރު، އިސްރާއީލުން އިސްވެ ފަށާފައިވާ މި ހަނގުރާމައިގައި އެތައް ހާސް ކުށެއް ނެތް އާންމުން ޝަހީދުކޮށް، މުޅި ސަރަހައްދު ސުންނާފަތި ކުރަމުންދިއުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއްތޯ ގިނަ ބަޔަކު ދަނީ އަހަމުންނެވެ.
މެދުއިރުމަތީގައި އިސްރާއީލުން ހިންގަމުންދާ މި އަނިޔާވެރި އަމަލުތަކަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއްވެސް ފިޔަވަޅެއް ނޭޅި، އިސްރާއީލުން އަމިއްލަ ދިފާއުގެ ނަމުގައި މުޅި ނަސްލެއް ނައްތާލަން ކުރާ މަސައްކަތް ބަލައިގަނެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ސިޔާސީ މުހައްލިލުން ފާހަގަކުރެއެވެ. އެހެންކަމުން، އީރާނުގެ ހަމަލާއަށް ފާޑުކިޔުމުގެ ކުރިން އިސްރާއީލުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކަށް ޒިންމާވާންޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.










