
ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް ވަކި މަގާމަކަށް ބެލުމެއްނެތި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާ ކޮންމެ މީހަކަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ނ.ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލަ ސާބިތުވެ 04 އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމް ކުރި މައްސަލައިގެ ޕޯސްޓެއް ޝެއަރ ކުރައްވާ އައްބާސް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްގެން ނުހައްގު މުއްސަނދިކަން ހޯދާފައި ތިބި ހުރިހާ ވަގުންގެ މައްސަލަ ބަލާ ޝަރީއަތް ހިންގަން ޖެހޭނެ ކަމަށެވެ.
ސަރުކާރުގެ ތެރެއިން އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް ވައްކަމާއި ކޮރަޕްޝަނުގެ މައްސަލައިގެ ތުހުމަތު ކުރެވި، އެފަދަ މައްސަލަތަކުގެ ތަފްސީލުތައް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާންމުވެފައިވާއިރު މި މީސްމީހުންގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ސަރުކާރަށް ވަނީ ނުކެރިފައެވެ.
އަދި ސަރުކާރުން ބޭނުންވާ މީހުން ބާރުގެ ބޭނުންކޮށްގެން ހިމާޔަތް ކުރަމުން އަންނައިރު މިފަދަ މީހުންގެ ސަބަބުން ދައުލަތް އަންނަނީ ދުވަހެއް ދުވަހަކަށްވުރެ ހާލަތު ދަށްވަމުންނެވެ.
ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އިންސާފުވެރިކަމާއި އެކު ބަލާ ޝަރީއަތް ހިންގައިގެން ނޫން ގޮތަކަށް ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން ނުހުއްޓޭނެ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.










