
ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް މިވަގުތު އޮތް އެންމެ މޮޅު ގޮތަކީ ވެރިކަން، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާ ހަވާލުކުރުން ކަމަށް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި މާނަފުން ޕޯސްޓެއްގައި އައްބާސް ވަނީ ވަކި މީހެއްގެ ނަން ބޭނުން ނުކޮށް، "މެޖޯރިޓީ ޕާޓީއަށް މިވަގުތު އެންމެ މޮޅު ގޮތަކީ އޭނާގެ މައްޗަށް ނޯ ކޮންފިޑެންސް ވޯޓެެއް ނަގާ އޭނާ ޝަރީޢަތުގެ ކުރި މައްޗަށް ހާޒިރުކުރުން" ކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ ދައުރުގެ ބާކީ ބައި ނައިބު ރައީސް އާ ވެރިކަން ކުރަން ހަވާލުކުރުމަކީ ވެސް ޕީއެންސީއަށް މިހާރަށް އޮތް އެންމެ މޮޅު ގޮތްކަމަށް ވިދާޅުވެ އައްބާސް ވަނީ އެކަން އެގޮތަށް ނުކޮށް މެޖޯރިޓީ ޕާޓީއަށް 2028 ކާމިޔާބެއް ނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ވަކި މީހެއްގެ ނަން ނުޖައްސަވާ އަނެއްކާވެސް އައްބާސްގެ އެ ޕޯސްޓުގައި ވަނީ "އޭނާގެ ނޯ ކޮންފިޑެންސް ނެގުމަށް ފަހު ޤާނޫނާ ހިލާފަށް އޭނާ ކޮށްފައިވާ މުޑުދާރު ކަންކަން ތަހުގީގުކޮށް އޭނަގެ މައްޗަށް މިހާރު ޝަރީޢަތް ހިންގީމުން ރައްޔިތުންނަށް، މެޖޯރިޓީ ޕާޓީން ޤާނޫނީ ވެރިކަން ދަމަހައްޓާކަން. ފެންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން އެފަދައިން ކަންކުރުމަކީ މެޖޯރިޓީ ޕާޓީއަށް ލިބޭ ރަނުގެ ފުރުސަތަކަށްވާނެކަން ފާހަގަކުރައްވާ އައްބާސް ވަނީ އަނެއްކާވެސް ވަކި މީހެއްގެ ނަން ބޭނުން ނުކުރައްވާ، "އޭނާއަށް ރައްޔިތުން އިތުބާރު ނުކުރާތީ ނިމިދިޔަ ކައުންސިލް އިންތިޚާބުން މެޖޯރިޓީ ޕާޓީ ބަލިވީކަމަށް ވެސް ވިދާޅުވެފައެވެ.
"އޭނަ ދޮގު ހެދިލެއް ގިނަވުމުގެ ސަބަބުން ރިފަރެންޑަމު ވޯޓުން މެޖޯރިޓީ ޕާޓީ ބަލިވީ" މިފަދައިން އައްބާސް ލިޔުއްވާފައިވެއެވެ.
ޕޯސްޓު ނިންމަވާލައްވަމުން އައްބާސް ވަނީ، މިހާރު މުޅި ޕާޓިން އެއުޅެނީ ރައީސް އޮފީސް ތެރޭގައި އޭނަ އަންހެނަކާ މަންޖޯޅުވި ކަންތަކުން ސަލާމަތް ނުވެވިގެން ކަމަށާ އޭނ ބޭރު ކުރުމަކީ ޤައުމަށްވެސް އަދި މެޖޯރިޓީ ޕާޓީއަށްވެސް އެންމެ މޮޅު ގޮތް ކަމަށް ވިދާޅުވެ އެއީ މެޖޯރިޓީ ޕާޓީގެ ގިނަ މެންބަރުން މިހާރު ވިސްނަމުންދާ އަދި ގަބޫލު ކުރާ ގޮތް ކަމަށްވެސް ވިދާޅުވެފައެވެ.










