
ވެރިކަން ލިބުމުން ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށޤދޭން ނޭނގުމުން އެކަންކަން ހަމަ މަގަށް އަޅުވަން ބަޔަކު ނުކިތުމުން އެއީ އެބަޔަކާ ދޭތެރޭ އިހާނެތިކޮށް ކަންކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމިނާ، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ރައީސް އިބްރާޙިމު މުހައްމަދު ސޯލިހު، އެކުގައި ގައުމުގައި ކަންކަން ހަމަމަގަށް އަޅުވަން މަސައްކަތްކުރަން ނިންމާ އެކަން ވަނީ އިއުލާންކޮށްފައެވެ. އެކަން އިއުލާން ކުރި ރޭ ތިން ރައީސުންވެސް މަޝްވަރާ މޭ×ުގެ ދޮށުން ނުކުންނެވީ ސަޕޯޓަރުންނާ އެކު މަގުމައްޗަށެވެ. ތިން ބޭފުޅުން އެކުގައި ނުކުމެ ވަޑައިގެން ސުލްހަވެރި ހިނގާލުމެއްގައި ރަސްފަންނާ ދިމާއަށް މިސްރާބު ޖެހުމުން ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާ ތިން ރައީސުންގެ ސެކިއުރިޓީއިންނަށްވެސް ހުރަސް އަޅާފައެވެ.
އެއާއެކު މަސްރަހު ހޫނުވެގެން ދިޔައެވެ. ތިން ރައީސުން އެކުގައި ނުުތުމުން ހިތަށް ކެތް ނުވެގެން ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރަން ގޮވާލާފައެވެ.
މުހައްމަދުގެ އެ ވާހަކަތަކަށް އިޝާރާތްކުރައްވާ އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތަށް އެތަކެއް ހިދުމަތެއް ކޮށްދެއްވި ހިދުމަތްތެރި ކުރީގެ ރަޢިސުންނަށް ދޭ އިނާޔަތް ކަނޑާލަން ގޮވާއިރު މިހާރު ހުރި ރައީސަށް ދެންވާނީ ކިހިނެއްތޯ ކަމަާ މިހާރު ހުރި ރައީސާ މެދު ދެން ކަންތައް ވެގެންދާނެ ގޮތަކާމެދު ފުންކޮށް ވިސްނާލުން ބުއްދިވެރި ކަމަށެވެ.
މަޖުލީސް މެޖޯރިޓީ ލިބުމަކީ އެއިރަކު ވެރިކަމުގައި އޮންނަ ބަޔަކު ދެއިރު ދެދަޅައަށް ބޭނުންހާ ގޮތަކަށް، ނުވަތަ ވަކި މީހަކަށް،ހިތު ހުރިހާ ގޮތެއް ހެދުމަށް ޤާނޫނުއަސާސީއަށް ބަދަލު ގެންނަންޖެހޭ ކަމެއްނޫންކަން ފާހަގަކުރައްވާ އައްބާސް ވަނީ، ތިމާމެން ބޭނުންހާ މީހަކަށް ބޭނުން ގޮތެއް ހަދާނަމޭ ހިތަށް އަރުވާއިރު ތިމާމެންނާ ޤާނޫނު އަރާ ހަމަކުރާނެކަން ދަންނަންވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ހަމައެހެންމެ ތިމާމެންނަށް ހެޔޮ ވެރިކަން ކުރަން ނޭގުމަކީ ކުރީގެ ރައީސުންނާއި، ތިމާމެން ނުރުހޭ ކޮންމެ މީހަކަށް ގޯނާ ކުރުންތޯ ނުވަތަ އަދަބު ކަޑައެޅުންތޯ އައްސަވާ އައްބާސް ވަނީ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލަން މުހައްމަދު ވިދާޅުވާއިރު، ތިން ރައީސުންނާ ރައީސް މައުމޫން އަބްދުލްގައްޔޫމާ އާކު ހަތަރު ރައީސުން ކޮށްދެއްވި ކަމެއް ނޫން އިތުރު ކަމެއް ތިމާމެންގެ ސަރުކާރުން ކޮށްފިތޯ ވެސް އައްސަވާ މުހައްމަދު އިސްމާއިލަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ފޮނުވާފައެވެ.
އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ތިން ރައީސުން، ސިޔާސީ ފިކުރު އެއް ފަރާތްކޮށް ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވަން ނުކުތުމުން ސަރުކާރުގެ ވެރިންނަށް ވަނީ ހަޖަމްކުރަން ދަތިވެފައެވެ.










