
ގައުމުގައި މިހާރު ފެންނަމުންދަނީ، ވައުދުގެ ކަރުދާސްތައް މާޒީގެ ކުނިބުންޏަށްވެ، ނާގާބިލުކަމުގެ ހިޔަނި މުޅި ނިޒާމަށް އެޅެމުންދާ މަންޒަރު ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވެފައިވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އައްބާސް ވިދާޅުވީ، ކޮންމެ ފަހަރަކުވެސް ވެރިކަންތައް ފެށެނީ ވަރަށް ފޮނި އުންމީދުތަކަކާއެކުގައި ކަމަށެވެ. ކެނޑިޑޭޓުން ދުލުން ބޭރުކުރާ ކޮންމެ ލަފުޒަކުން ރައްޔިތުންގެ ހިތްތަކަށް ފިނިކަންދެމުން ކަމަށެވެ. ކަރުދާހުގައި ކުރަހައިދޭ ކުރެހުންތަކާއި، ވެދޭ ފޮނި ވައުދުތަކަކީ ގައުމުގެ މުސްތަގުބަލު ބަދަލުކޮށްލާނެ ރަންގަނޑެއް ފަދަ އެއްޗެހިކަމަށް ދައްކަމުން ވެރިކަމަށް ކޮންމެ ވެރިއަކު އައި ނަމަވެސް، ދުވަސްތައް ފާއިތުވެ، ގޮނޑިތަކަށް ބާރުވެ، ބާރުތައް އަތަށް ލިބުމުން ފެންނަ މަންޒަރަކީ މުޅިން ތަފާތު ހިތްދަތި މަންޒަރެއް ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.
އެގޮތުން ސަރުކާރެއްގެ ގާބިލުކަން ވަޒަންކުރެވެނީ ވައުދުތައް ކަނޑައަޅާ ފޮތުގެ ބޮޑުކަމަކުން ންކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވެފައިވަނީ އެކަންކަން ވަޒަން ކުރެވެނީ އާންމު ރައްޔިތު މީހާގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލަކުން ކަމަށެވެ. މިއަދު ފެންނަމުންދަނީ ވައުދުގެ ކަރުދާސްތައް މާޒީގެ ކުނިބުންޏަށްވެ، ނާގާބިލުކަމުގެ ހިޔަނި މުޅި ނިޒާމަށް އެޅެމުންދާ މަންޒަރުކަމަށް ވިދާޅުވެ އައްބާސް ވަނީ ވެރިންގެ ބަހާއި އަމަލާ ދިމާނުވުމަކީ ހަމައެކަނި ސިޔާސީ އުކުޅެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ. އެއީ ގައުމެއްގެ ކުރިމަގަށް ދެވޭ އެންމެ ބޮޑު ކެހިވެރިކަން ކަމަސް ިސފަކުރައްވާ އައްބާސް އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުން ބޭނުންވަނީ ހަމައެކަނި ޕޯޑިއަމްތަކުގައި ދައްކާ ރީތި ވާހަކަތަކެއް ނޫނެން ކަމަށާ ރައްޔިތުން ބޭނުންވަނީ ނަތީޖާ އާ ކަންކަން ހިންގުމުގެ ގާބިލުކަން ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް ވައުދެއް ވެއްޖެނަމަ އެ ވައުދެއް ފުއްދުމުގެ ތެދުވެރިކަމަކީ އެންމެ މުހިއްމުކަން ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ. މިއަދު ރައްޔިތުން ސަރުކާރާ ދެކޮޅަށް އަޑުއުފުލަން މިޖެހެނީ ވަކި ބަޔަކަށް ވީތީއެއް ނޫން ކަމާ އަޑު އުފުލަން ޖެހިގެން އުޅެނީ ގައުމުގެ ހާލަތާއި، އުންމީދުތައް ފުނޑުފުނޑު ވަމުންދާތީ، އެކަންކަން ހަނދާން ކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.
ބަސްބުނުމުގެ ވަގުތަކީ ހަމައެކަނި ވޯޓުލާ ދުވަސް އެކަނި ނޫން ކަމާ ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ކޮންމެ ދުވަހަކީވެސް ސަރުކާރު ޖަވާބުދާރީކުރުވަންޖެހޭ ދުވަހެއްކަން ވެސް އައްބާސް ފާހަގަކުރައްވާފައިވެއެވެ.










