

ހުޅުމާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރުމަށް ޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހަރުކުރަމުން އަންނަ ކުދި ސްޕީޑް ބްރޭކަރުތަކަށް އާންމުންގެ ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ.
ޅުމާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި ކުރަމުންދާ އެކި މަސައްކަތްތަކުގެ ތެރެއިން މިދިޔަ ހަފްތާއިން ފެށިގެން ހުޅުމާލެ އެކި ސަރަހައްދުތަކުގައި ސްޕީޑް ބްރޭކަރު އަންނަނީ ހަރުކުރަމުންނެވެ.
މިހާތަނަށް އެކި ސަރަހައްދުތަކުގައި 36 ސްޕީޑް ބްރޭކަރު ހަރުކޮށްފައިވާއިރު އެއީ މީހުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެ އެޗްޑީސީއިން ކޮށްފައިވާ ޕޯސްޓުތަކަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ ބްރޭކަރުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ބްރޭކަރުތަކުގެ ސަބަބުން ކިތަންމެ މަޑުން ދުއްވިޔަސް ބްރޭކަރުތަކުގެ ޑިޒައިންގެ ގޮތުން އަރާފައިބާއިރު ހަށިގަނޑަށް ޚާއްސަކޮށް އުނަގަނޑުގައި ރިއްސާ ކަމަށާއި އަދި އަގު ބޮޑެތިކޮޮށް ގަނެފައި ހުންނަ އުޅަނދުތަކަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ.
— Housing Development Corporation (@hdcmaldives) September 29, 2025
ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި، ބައެއް މީހުންގެ ފުރާނަ މި އެކްސިޑެންޓް ތަކުގައި ގެއްލިފައިވެއެވެ. އެފަދަ އެކްސިޑެންޓުތައް މަދުކުރުމަށް ޓަކައި އެޗްޑީސީން މިދިޔަ އަހަރު ހުޅުމާލޭގެ މަގުތަކަށް ބަދަލުތައް ގެނެސް، ވަށްބުރުތަކާއި ސައިން ބޯޑުތައް އިތުރުކޮށްފައިވެއެވެ.
ނަމަވެސް، މިހާރު ހަރުކުރަމުން އަންނަ ބްރޭކަރުތަކުގެ ސަބަބުން އެކްސިޑެންޓްތަކަށް މަގުފަހިވާނެ ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.