
ދިވެހިރާއްޖެ މިހާރު އޮތީ އިޖްތިމާއީ އަދާލަތެއް ނެތް ހިސާބަކަށް ގޮސްފައި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ބައެއް ވާހަކަފުޅުގައެވެ.
އެގޮތުން އެމަނިކުފާނު ވަނީ އެރޭ ބޭއްވުމަށް މސައްކަތްކުރި ހަފްލާއަށް އެޗްޑީސީއިން ހުރަސްއެޅިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އެ ހަފްލާއަކީ އަމިއްަ މީހެއްގެ ވިޔަފާރީގެ ހަފްލާއެއް ކަަމަށާ ހުޅުމާލެ އަދި މާލެ އަކީ ވެސް ރައްޔިތުންގެ ތަންތަން ކަމަށްވުމުން އެ ރައްޔިތުންނަށް މަގުތައް ބޭނުންކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ބަޔަކު މަގުތަކަށް ނުކުމެ ކަމެއް ކުރަން ނުވަތަ ހަރަކާތެއް ހިންގަން އުޅެފި ނަމަ ހުރަސް އަޅަން ސަރުކާރުން މަސައްކަތްކުރާ ކަމަށާ ނަމަވެސް ޕީއެންސީއަށް ނިސްބަތްވާ ބަޔަކު މުޅި މަގުތައް ހިފާ ހިސޯރުކޮށްގެން ހަރަކާތް ހިންގުން އޯކޭވެފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުގައި ހުޅުމާލޭގެ ބިމުން ކޮށްފައވާ ގޯތިވައްކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި މާޖާޒީ ގޮތަކަށް އިޝާރާތްކުރެއްވިއެވެ.
އެކަންކަމުން ފެނިގެން ދަނީ ރާއްޖޭގެ އިޖްތިމާއީ އަދާލަތު ނެތި ގޮސްފައިވާ މިންވަރު ކަމަށާ އެހެންކަމުން އެ ހުރިހާ ކަންކަން ހައްލުކޮށް މާލެ ރީސެޓުކުރަން މޭޔަރު ކަމަށް ޒަރިޔަންދު ހޮވުން ނޫން ޗޮއިސެއް މިހާރު ނެތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެޗްޑީސީއަކީ ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ ނަހަމަ ބޭނުން ސަރުކާރުން ހިފަމުންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.










