
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު އެމްޑީޕީން ހަރުކޮށްފައި ހުރި ކެމްޕެއިން ޕޯސްޓަރުތަކެއް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން ނައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ފަތިސް ނަމާދު ވަގުތު ހިނގި މި ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި، އެޗްޑީސީގެ މުވައްޒަފުން ކަމަށް ބުނާ ބަޔަކު ދަނީ މަގުމަތީގައި ހުރި ފާރުތަކާއި ހޮޅިދަނޑިތަކުގައި ހަރުކޮށްފައިވާ ޕޯސްޓަރުތައް ނައްޓަމުންނެވެ. މިކަމާ ގުޅޭގޮތުން އެ ސަރަހައްދުގައި ތިބި ބައެއް އާންމުން ސުވާލު ކުރުމުން، އެ މުވައްޒަފުން ބުނެފައިވަނީ އެއީ ހުއްދަ ނުނަގާ ޖަހާފައި ހުރި ޕޯސްޓަރުތަކެއް ކަމަށެވެ. މިއީ އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް އަމާޒުކޮށްގެން ޖަހާފައިވާ ޕޯސްޓަރުތަކެކެވެ.
މި ހާދިސާއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ އިދިކޮޅު ޕާޓީތަކަށް މިނިވަންކަމާއެކު ކެމްޕޭން ކުރުމުގެ ފުރުސަތު ހަނިކުރަމުންނެވެ. އަދި ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ކެމްޕޭން ހަރަކާތްތަކަށް ހުރަސްއަޅަމުންދާ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ރަސްމީކޮށް ބުނެފައިވަނީ، ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި އިޝްތިހާރު ނުވަތަ ޕޯސްޓަރު ހަރުކުރަންވާނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ހުއްދަ ހޯދައިގެން ކަމަށެވެ. ނަމަވެސް، ކެމްޕޭން ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި މިފަދަ ފިޔަވަޅެއް އެޅުމުން ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.
މި ޕޯސްޓަރުތައް ނެގުމަށްފަހު އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރު ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ވަނީ ހުޅުމާލެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައެވެ.










