

ފަލަސްތީނުގެ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަނޑުމަގުން ދަތުރު ކުރަމުން އަންނަ "ގްލޯބަލް ސުމޫދު ފްލޯޓިލާ" ގެ ބައެއް ބޯޓުތައް ހުއްޓުވި ނަމަވެސް އެހެން ބައެއް ބޯޓުތައް ނުހުއްޓި ޣައްޒާއަށް ދަތުރުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސަހްޔޫނީންގެ ބިރަކަށް ބެލުމެއް ނެތި މިހާރު ވެސް ތިރީހަކަށް ބޯޓު ޣައްޒާއާ ދިމާލަށް ދަނީ ދަތުރު ކުރަމުންނެވެ.
އެ ބޯޓުތައް މިހާރު އޮތީ ޣައްޒާއާ ގާތްގަނޑަކަށް 30 މޭލު ކައިރީގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެ ބޯޓުތަކުގައި ރާއްޖެ ހިމެނޭ ގޮތަށް 46 ގައުމެއްގެ 497 މީހުން ހިމެނެއެވެ. ބޯޓުތަކުގައި ތިބި މީހުންގެ ތެރޭގައި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސިޔާސީ ޝަހްސިއްޔަތުންނާއި ނުފޫޒު ގަދަ އެކްޓިވިސްޓުންނާއި އާންމުންގެ ލޯބި ހޯދާފައިވާ މީހުން ވެސް ހިމެނެއެވެ.
ސަހްޔޫނީން ރޭގައި ވަނީ މީގެތެރެއިން ބައެއް ބޯޓުތަކަށް އަރައި އޭގައި ތިބި މީހުން ހައްޔަރުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުން ހުއްޓުވި ބޯޓުތަކުގެ އަދަދު 16 އަށް އަރައެވެ.
ސަހްޔޫނީން ބުނާ ގޮތުގައި އެމީހުން ހައްޔަރު ކުރަނީ ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަންނަމުންދާތީ ކަމަށެވެ. އެކަމަކު ފްލޮޓީލާގެ ބޯޓުތަކުގައި ތިބި މީހުން ބުނަމުން ދަނީ ޣައްޒާ އާއި ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި އެމީހުންގެ ބޯޓުތަކަށް ހުރަސް އެޅުމަކީ ބައިނަލްއަގުވާމީ ކޯޓުގައި ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް ވެސް އެމީހުން ދަނީ ބުނަމުންނެވެ.
ފްލޮޓީލާގެ ބައެއް އުޅަނދުތަކާ މުއާސަލާތުކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާ އިރު، އެކަން އެގޮތަށް ވަނީ ސިގްނަލް ޖޭމް ކުރަމުންދާތީ ކަމަށްވެއެވެ.