

މާރާމާރީ ހިންގަނިކޮށް، ހިޔާ ޓަވަރު 7 ކައިރިން އިއްޔެ ހައްޔަރުކުރި ހަތަރު މީހުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު ސަރަހައްދު ޕެޓްރޯލް ކުރަނިކޮށް ހިޔާ ފުލެޓު ހަތެއް ކައިރީ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނުނު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އެއީ، 19 އަހަރުގެ އަންހެނަކާއި 18 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރަށް 24 އަހަރު ފިރިހެނެކެވެ. މި އެންމެންނަކީ ދިވެހީން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މިއަދު ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.