
އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހިޝާންއަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކަކަި ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، ހިޝާން ޖިންސީ ގޯނާކުރި ކަމަށް އެއްވެސް ކުއްޖަކު ބުނެފައިނުވާ ކަމަށް ފުލުހުން ހާމަކުރުމުންނެވެ. ފުލުހުންގެ ފަރާތުން ހިޝާން ކުރި ސުވާލަކަށް ލިޔުމުން ދިން ޖަވާބުގައި ބުނެފައިވަނީ، ހިޝާން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ކުޑަކުއްޖަކު ވެސް އަދި އެއްވެސް ބެލެނިވެރިޔަކު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.
ހިޝާންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވޭތޯ ބެލިއިރު، އެފަދަ ގޯނާއެއް ލިބިފައިވާ ކަމަށް ތަހުގީގުގައި އެއްވެސް ކުއްޖަކު ބުނެފައިނުވާ ކަމަށް ވެސް އެ ޖަވާބުގައިވެއެވެ.
ހިޝާންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ދައުވާކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ، ޕީޖީން ވަނީ ދައުވާ ނުކުރަން ނިންމާފައެވެ.

ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވަނީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސިޔާސީ ކަމެއްގެ ތެރެއިން ކަމަށް އޭރުވެސް އޭނާ ބުނަމުން ދިޔައެވެ. އެގޮތުން ކުރީގެ ފަރސްޓު ލޭޑީއަކު ފްރޭމުކުރުމަށް ސަރުކާރުން ބުނާ ގޮތަކަށް ހެކި ބަސް ދިނުމަށް ހިޝާން ގާތު އެދުމުން ހިޝާން އެކަމަށް އިންކާރުކުރުމުން އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް އޭނާގެ އަބުރު ކަތީލީއެވެ.
ހިޝާން މިހާރު ހުންނަވަނީ ބޭރު ގައުމެއްގެ ހިމާޔަތް ލިބިގެންނެވެ.










