ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެންނަން ވައުދުވީ މީހުންގެ ވައުދަށް ލުއި ފަސޭހަ ގެނެސްދެއްވީ ރައީސް އަބްދުﷲ ޔާމީންކަމަށް އެމަނިކުފާނުގެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލުތަކެއްގެ ތެރެއިން މަލީހުވަނީ އެމްޑީޕީއިން މި ގައުމުގެ ރައްޔިތުންނަށް ވީ އެއް ވައުދުގެ މަތިން ހަނދާން އައުކޮށްފައެވެ.
އެގޮތުން ބޭސް ސިޓީއަށް ބޭސް ނުނެގިގެން ސަލާން ޖަހަމުން އޭރު ދިޔަ ދިޔުމަށް ނިމުމެއް ގެނެސްދޭނެ ކަމުގެ ވައުދާއެކު 2008 ވަނަ އަހަރު އުފެދުނު އެންމެ ފުރަތަމަ އެމްޑީޕީ ސަރުކާރުގެ ވައުދެއް ނަމަވެސް އެ ވައުދުގައި ކުލަ ޖްއްސަވަން ފެއްޓެވީ ރައީސް ޔާމީން ކަމަށް މަލީހު ވިދާޅުވިއެވެ.
ސިއްހީ ސްކީމު، އާސަންދަ ހުސްނުވާ އާސަންދައަށް ބަދަލުކޮށް އެމްޑީޕީގެ އެ ވައުދަށް ރަސްމީ ކުލައެއް ގެނެސްދެއްވީ ރައީސް ޔާމީން. އެކަމަކު އަދިެވސް އާސަންދައިގެ ހިންގުމަށާ އޮނިގަނޑަށް ބަދަލުތައް އަންނަން އެބަ ޖެހޭ.
މަލީހު އިތުރަށް ވިދާޅުވީ އެކަންކަމަށް ބަދަލު ގެނެވޭނީ މަޖލީހުގެ ތެރެއިން ކަމަށްވުމުން ރައީސް ޔާމީން ރައްޔިތުންނާ މެދު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅު ތަންފީޒުކުރެވޭނީ އެމަނިކުފާނުގެ ބަސް އިއްވަން މަޖިލީހުގެ ތަޅުމުން ފުރުސަތު ލިބިގެން ކަމަށްވުމުން ރައީސް ޔާމީންގެ ތާއީދާއެކު ނުކުންނަ 40 ކެންޑިޑޭޓުން މަޖިލިަށް އިންތިހާބު ކޮށްދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.