May 5, 2026
Advertisement
ރައްޔިތުންނަށް ބޭނުންވާ ބޭސް ފޯރުކޮށް ނުދޭވޭކަމަށް އާސަންދައިގެ އެމްޑީ އިއުތިރާފުވެއްޖެ
ރައްޔިތުންނަށް ބޭނުންވާ ބޭސް ފޯރުކޮށް ނުދޭވޭކަމަށް އާސަންދައިގެ އެމްޑީ އިއުތިރާފުވެއްޖެ / -

ރައްޔިތުންނަށް ބޭނުންވާ ބޭސް ފޯރުކޮށް ނުދޭވޭކަމަށް އާސަންދައިގެ އެމްޑީ އިއުތިރާފުވެއްޖެ

May 5, 2026, 08:41 PM

ރައްޔިތުންނަށް ބޭނުންވާ ބޭސް ފޯރުކޮށް ނުދޭވޭކަމަށް އާސަންދައިގެ އެމްޑީ އައިމިނަތު ޒީނިޔާ އިއުތިރާފުވެއްޖެއެވެ.

Advertisement

ޒީނިޔާ މިފަދައިން އިއުތިރާފުވެފައިވަނީ، ރާއްޖެއިން ނުލިބޭ ބޭސް ބޭރުން ގެނައުމުގައި ކަން ހިނގާ ގޮތް ބެލުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައަކަށް މައުލޫމާތު ސާފުކުރަން އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމަށް އާސަންދައިގެ އެމްޑީގެ ހައިސިއްޔަތުން ވަޑައިގެން ދެއްކި ވާހަކައިގައެވެ.

ޒީނިޔާ ވިދާޅުވެފައިވަނީ، ރާއްޖެއަށް ބޭސް އެތެރެކުރުމާއި އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގެ ނިޒާމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އާސަންދައިން ބޭސް ދޫކުރުމުގައި ބަލަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެޕްރޫވްކޮށްފައިވާ ލިސްޓަށް ކަމަށްވީ ނަމަވެސް، ބޭސްފިހާރަ ރަޖިސްޓްރީ ކުރާއިރު އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ހުރޭތޯ ރަނގަޅަށް ނުބެލޭކަމަށެވެ.

އެ ލިސްޓު ޗެކު ނުކޮށް ހުއްޓަސް، ފުޑް އެންޑް ޑްރަގު އޮތޯރިޓީން އެތަނެއް ހިންގުމަށް ހުއްދަދީފަ އޮންނާތީ، އެކަމާމެދު ފިޔަވަޅެއް އެޅޭނެ ގޮތެއް ވެސް ނޯންނަކަން ފާހަގަކުރައްވާ ޒީނިޔާ ވިދާޅުވީ، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ވަރަށް ގިނަ ބޭސްތައް ރާއްޖެ އެތެރެ ނުކުރާ ކަމާ ނަމަވެސް ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގެ އަދަދުތައް އެނގޭނެ ގޮތަށް ތަފާސްހިސާބު ބެލެހެއްޓޭނެ ނިޒާމެއް އަދި ނެތް ކަމަށެވެ.

ހަމައެހެންމެ ގިނަ ބޭސްތައް އެތެރެކުރަނީ އަތުން ހިފައިގެން ގެންނަ ބޭސް ސިޓީއަށް ކަމަށާ ވެފައި އެފަދަ ބޭސްތަކުގެ ބްރޭންޑުތައް ވަރަށް އަވަހަށް ބަދަލުވާތީ އެއް ބްރޭންޑެއްގެ ބޭސް ލިބުން ދަތިކަން ވެސް ޒީނިޔާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި އާސަންދައިގެ ދަށުން ބޭސް ފިހާރަތަކުން ފެންވަރު ދަށް ބޭސް އާންމުންނަށް ދޫކުރާކަމުގެ ޝަކުވާ ލިބޭކަމަށްވެސް އޭނާ ފާހަގަކުރެއްވާފައިވެއެވެ.

މީގެ އިތުރުން  އަގުހެޔޮ ބޭސް އާންމުންނަށް ދޫކޮށްފައި ބައެއް ފާމަސީތަކުން އަގުބޮޑުކޮށް އާސަަންދައަށް ޗާޖުކުރާތަން ވެސް އަންނަ ކަމަށާ ބޭހުގެ އަގު ކޮންޓްރޯލުކުރެވޭނެ ނިޒާމެއް ރާއްޖޭގައި ނެތުމުން، 500 ނުވަތަ 600ގެ ޕްރޮފިޓް މާޖިން ލާފައި ފައިދާ ނަގައިގެން ބޭސް ވިއްކުމުގެ މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވިކަން ވެސް ޒީނިޔާ ވިދާޅުވެފައިވެއެވެ.

ދައުލަތުން އާސަންދަ ނިޒާމުގެ ތެރެއިން ބޭހަށް ބޮޑު ހޭދައެއް ކުރަމުންދާއިރު ވެސް، ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަކީ އޮތް ބޮޑު ކަންބޮޑުވުމެއްކަން ގަބޫލުކުރައްވާ ކަމަށާއި އެފަދަ ޝަކުވާތައް ލިބެމުންދާކަމަށް ވެސް ޒީނިޔާ ވަނީ ވިދާޅުވެފައެވެ.

މިކަންކަން ހައްލުކުރުމަށް "ބަލްކް ޕްރޮކިއުމަންޓް" އުސޫލުން ބޭސް ގެނައުމަށް މަސައްކަތް ކުރި ނަމަވެސް، އެގޮތަށް ގެނެވުނީ ވަރަށް މަދު ބޭހެއް ކަމަށާއި އެއީ އަމިއްލަ ވިޔަފާރިތަކަށް ވެސް ދަތިވާ ކަމެއް ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާ މިފަދައިން ވިދާޅުވެފައިވާއިރު، ދާއިމީ ބޮޑެތި ބަލިތަކަށް ކާ ބޭސް ވެސް ނުލިބޭ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved