ރައީސް މުއިއްޒުގެ ސަރުކާރުގެ މެގަ ޕްރޮޖެކްޓް ކަމަށްވާ "ރަސްމާލެ" އަށް މާސްޓާ ޕްލޭންއެއް ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއުގެ ޑިޒައިންކޮށް، ތަފްސީލީ މާސްޓާ ޕްލޭނެއް ތައްޔާރު ކުރުމަށް ކޮންސަލްޓެންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް އެ މިނިސްޓްރީ އިން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫއަށް ކޮންސަލްޓެންސީ ހޯދަނީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިން މޮޑެލް އުސޫލުތަކަށް ފެތޭ އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގްތިސޯދީ ގޮތުން ފުދުންތެރި މާސްޓާ ޕްލޭނެއް އެކުލަވާލުމަށް ކަމަށެވެ.
މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްގީއަށް މަގުފަހިކޮށްދޭ އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތަށް ގާބިލުކަން އަންގައިދޭ ފަންނީ މަސައްކަތްތަކުގެ ތަފްސީލުތައް އެނގޭނެހެން އަގާއެކު ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ފުށިދިއްގަރު ފަޅު ހިއްކަން ފެށީ މި ސަރުކާރުގެ އެންމެ ކުރީ ކޮޅު، 18 ޑިސެމްބަރު 2023ގައި ކަމަށްވާއިރު "ރަސްމާލެ" އާއި މާލެ ސިޓީ ގުޅުވާދޭނީ އަންޑާވޯޓާ ޓަނަލް އަކުން ކަމަށްވެސް އޭރު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.