

މޯލްޑިވިއަން ޑިމޮކްރެޓިކު ޕާޓީ (އެމްޑީޕީ)އާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވެރިކަމުގައި ތަފާތެއް ނުފެންނަ ކަމަށާ ފެންނަމުން ދަނީ ދެ ޕާޓީއިން ވެސް ފައިސާ ދަހިވެތިކަމުގައި ވެރިކަން ކުރާ މަންޒަރުކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އިންޑިއާގެ ސިފައިންގެ މައްސަލަ އެމްޑީޕީއަށް މިހާރުވެސް އިޝޫއަކަށް ނުވާ ސަބަބާ އަދި މިހާރުގެ ވެރިންވެސް އިންޑިއާ ސިފައިންގެ މައްސަލައިގައި ހަނު ތިބި ތިބުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ، އެމްޑީޕީއެކޭ ޕީއެންސީއެކޭ ތަފާތެއް ނެތް ކަމަށެވެ.
އެގޮތުން އިންޑިއާއަކީ ކުރިންވެސް އިންޑިއާ ސިފައިން ތިބުން މައްސަލަ ނުހެދި ބައެއް ކަމަށާ މިހާރު ޕީއެންސީއިންވެސް ހަމަ އެ ސްޓޭންޑު ނަގާފައިވާ މަންޒަރު ފެންނަ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެމްޑީޕީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަ ނަކަލު ކޮށްގެން މިހާރުގެ ޑިފެންސް މިނިސްޓަރު ގައްސާނުވެސް ދައްކަވަމުން ގެންދަވާ ގެންދިއުމާއަދި، ވައްކަމާއި ކޮރަޕްޝަނަށް ބެލި ނަމަވެސް ދެ ޕާޓީން ކަންތައްކުރީ އަދި ކުރަމުން އަންނަނީ ދާދި އެއްގޮތަކަށް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ގިނަ ކަންކަމުގައި މި ސަރުކާރުން މިހާރު ގެންގުޅެނީ ވެސް އޭރު އެމްޑީޕީން ގެންގުޅުނު ސްޓޭންޑް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފެންނަނީ ތިޖޫރި ވަށައިގެން ވެރިކަންކޮށް ތިޖޫރި ހޯދަން މަސައްކަތްކުރާ މަންޒަރު ކަމަށާ އޭގެ އިތުރުން ދައުލަތުގެ ތެރޭގައި ހުރި ކޮންޓްރެކްޓްތައް އެ މީހުން ބޭނުން ބަޔަކަށް ދެމުން ގެންދާ މަންޒަރު އޭރު ވެސް މިހާރުވެސް ފެންނަމުން ދާ ކަމަށް އުމަރު ވިދާޅުވިއެވެ.
މި ދެ ޕާޓީ ވެސް ވެރިކަން ކުރީ އެއް ގޮތަކަށް. އިންޑިއާ ސިފައިން އިޝޫގައި ވެސް. މާރިޔާ ހަމަ ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ދެއްކެވި ވާހަކަ ޣައްސާން ވެސް މިހާރު ދައްކަވަނީ. ދައުލަތުގެ ރިސޯސްތައް އެ މީހުން ބޭނުން ބަޔަކަށް ދެމުން ގެންދަނީ. އެމްޑީޕީން ވެސް ހަމަ ދިން. ޕީއެންސީން ވެސް ހަމަ ދެމުން ގެންދަނީ. ބޭނުން ނެތް ވަޒީފާތަކަށް މީހުން ނެގުން. ދައުލަތުގެ މުއައްސަސާތަކަށް ބޭނުންނުވާ ވަރަށް މީހުން ނެގުން. އެމްޑީޕީން ވެސް ހަމަ އާދަޔާޚިލާފަށް އެކަން ކުރީ. އަދި މި ބޭފުޅުން ވެސް އޭގެ މައްޗަށް ގިއަރު ޖައްސާފައި އެކަން ކުރަމުން އެ ގެންދަނީ
އުމަރު ވިދާޅުވީ ދެ ޕާޓީއިން ވެސް ވެރިކަން ކޮށްދެނީ ޕާޓީއަށް ކަމަށާ އާންމު ރައްޔިތަކަސް އެޗެއް ލިބެނީ ޕާޓީގެ މެމްބަރުންނަށް ބަހާ ބާކީވެފައިވާ ނަމަ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.