މޫނަށް ރުލެއް އަރުވާ ނުލާ ރައީސް މުއިއްޒު ދައްކަވާ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމަށް ދެ އަހަރުވާން ގާތްވެފައި ވާއިރު، ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ގިނަ ވައުދުތައް ނުފުއްދި، ތިން ވަނަ ފަހަރަށް ވައުދުތައް ތަކުރާރުކުރައްވަމުން ގެންދަވާ ކަމަށެވެ.
ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮތުމުން އަތޮޅު ތަކަށް ވަޑައިގަންނަވާ ކޮންމެ ތަނެއްގެ ރައްޔިތުން ކުރިފުޅުމަތީގައި ހުންނަވާ މޫނަށް ރުލެއް އަރުވާ ނުލައްވާ ދައްކަވާ ވާހަކަތައް ރައްޔިތުންނަށް ގަބޫލު ނުކުރެވެނީ ވިދާޅުވާ ބަސްފުޅާ އަމަލާ ދިމާ ނުވާތީ.
އައްބާސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވުން ތެރި ކަމާ އެކު ކުރިއަށް ދާ ކަމަށެވެ.
އެކަން ކުރުމަށް އެއްވެސް ހުރަހެއް ނެތް ގޮތަށް ކުރަން ޖެހޭ އެންމެ ބޮޑު މަސައްކަތް މިހާރު ވަނީ ކޮށްފައި ކަމަށާއި، ދެން ކުރަން ޖެހޭ މަސައްކަތްތަށް ރޭވުންތެރިކަމާއެކު އެދަނީ ކުރަމުން ކަމަށް އައްބާސް ވިދާޅުވި އެވެ.
މުއިއްޒު މިހާރު ރައްޔިތުން އިތުބާރު ނުކުރަނީ ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދުގެ 5 ޕަސެންޓު ވެސް މިއަދާ ހަމަށް ފުއްދިފައި ނެތުމުން ކަމަށް އައްބާސް ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ކަންކުރާ ގޮތާއި އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ޕްރޮޖެކްތައް ނުހިގާ ކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުން ނެވެ. އަދި ނިމުނު ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބަށް ވީ ވައުދު ނުފުއްދަވާ ރަށްރަށަށް ވަޑައިގެން "އާ ވައުދު" ވެވަޑައިގަންނަވާތީ ރައްޔިތުން މިހާރު ތިބީ މުއިއްޒު ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ. އެންމެފަހުން އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުން ވެސް އެ ފެނުނީ އެ މަންޒަރެވެ.