

އިންޑިއާގެ ތިން ކުންފުންޏަކުން އުފެއްދި ވިހަ މާއްދާ ހުރި ކެއްސުމަށް ބޭނުންކުރާ ތިން ބޭސް ރާއްޖެ އެތެރެކޮށްފައިނުވާ ކަމަށާއި ނަމަވެސް އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީއޭ) އިން ވިދާޅުވެއްޖެއެވެ.
އެމްއެފްޑީއޭ އިން ބުނީ މި ބޭސްތަކުގައި ވިހަ މާއްދާއެއް ހުރެގެން ބޭސް ބޭނުންކުރުމާއި، ވިއްކުން މަނާކޮށްފައިވާކަމަށް ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެލާޓް ކޮށްފައިވާ ކަމަށެވެ.
މި ތިން ކުންފުންޏަކީ، އެމްއެފްޑީއޭއިން ބޭސް އިމްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި ބުނީ އެ ކުންފުނިތަކުން އުފައްދާ އެއްވެސް ބޭހެއް، އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
ވިހަ މާއްދާ އެކުލެވޭ ބޭސްތަކަކާއި އުފައްދާ ކުންފުނިތަކަކީ:
ސިރަޕް ކޯލްޑްރިފް - ސްރީސަން ޕާމަސޫޓިކަލް
ރެސްޕިފްރެޝް - ރެޑްނެކް ޕާމަސޫޓިކަލް ޕްރައިވެޓް ލިމިޓެޑް
ސިރަޕް ރީލައިފް - ޝޭޕް ޕާމާ ޕްރައިވެޓް ލިމިޓެޑް
ރާއްޖެއަށް އެތެރެ ކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ހާއްސަކޮށް ތުއްތު ކުދިންނަށްދޭ ބޭހުގައި މިހާރު ފާހަގަ ކުރެވެމުންދާ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަބަދުވެސް ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން މި ބޭސްތައް ބޭނުންކޮށްގެން އިންޑިއާގައި ބައެއް ކުދިން ވަނީ މަރުވެފަ އެވެ.