ރާއްޖޭގެ ފާމަސީތަކުގައި ވިއްކާ ނެސްލޭ ކުންފުނީގެ އިންފެންޓް ފޯމިއުލާގެ ބެޗުތަކެއް ތަޣައްޔަރުވެފައިވާތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ބުނީ ނެސްލޭއިން އުފައްދާ "އެސްއެމްއޭ" ބްރޭންޑުގެ އިންފެންޓް ފޯމިއުލާއާއި، ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ.
އެހެންކަމުން އެ ތަކެތި ބާޒާރުން ނެގުމަށް ނިންމައިފައިވާ ކަމަށް އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.
ސެރެއުލައިޑަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެެވެ. މި މައްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުން ކުރެއްވިޖެ ނަމަ، މޭނުބައިކޮށް، ހޮޑުލުން، އަދި ބަނޑުގައި ރިއްސުންފަދަ އަލާމަތްތައް ފެނުމަކީ އެކަށީގެންވާކަމެއް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ތަޣައްޔަރުވެފައިވާ ބާވަތްތަކުގެ ތެރޭ ހިމެނެނީ އަންނަ އަހަރުގެ އެޕްރީލް، މޭ، ޖޫން، ޖުލައި، މުއްދަތު އޮކްޓޯބަރު އަދި ނޮވެމްބަރަށް މުއްދަތު ހަމަވާ އުފެއްދުންތަކެކެވެ. އެއީ:
އެސްއެމްއޭ އެޑްވާންސް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
އެސްއެމްއޭ އެޑްވާންސް ފޮލޯ އޮން މިލްކް 800 ގުރާމް
އެސްއެމްއޭ އެންޓި ރެފްލަކްސް 800 ގުރާމް
އެސްއެމްއޭ އަލްފަމިނޯ 400 ގުރާމް
އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 400 ގުރާމް
އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 1.2 ކިލޯ ގްރާމް
އެސްއެމްއޭ ލިޓުލް ސްޓެޕް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
އެސްއެމްއޭ ކޮމްފޮޓް 800 ގުރާމް
އެސްއެމްއޭ ފަސްޓް އިންފެންޓް 200 މިލި ލީޓަރު
އެސްއެމްއޭ ފަސްޓް އިންފެންޓް 70 މިލި ލީޓަރު
އެސްއެމްއޭ ލެކްޓޮސް ފްރީ 400 ގްރާމް
މީގެ ކުރިން ވެސް ރާއްޖެއަށް އެތެރެކުރާ ބައެއް ކާބޯތަކެއްޗާއި، ބޭހުގެ ބާވަތްތައް ތަޣައްޔަރުވުމުން އެމްއެފްޑީއޭއިން ސަމާލުވާން އަންގައިފައިވެއެވެ.