theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފްލެޓްތައް އަތުލާން ގޮވާއިރު، މުއިއްޒު އުޅެނީ އެންމެ ގާބުރިއެއް ވެސް ނުބޭއްވި ގެންނެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
ފްލެޓްތައް އަތުލާން ގޮވާއިރު، މުއިއްޒު އުޅެނީ އެންމެ ގާބުރިއެއް ވެސް ނުބޭއްވި ގެންނެވެ.
Qudhrathullah Ameen
ގުދުރަތުﷲ އަމީން
13 އޮކްޓޯބަރު 2025
މާލެ ސިޓީ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ކުއްލިއަކަށް ޖަހައިގަނެގެން ވެރިކަމަށް ހޮވުނީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ގޯތި ގެދޮރު ފޯރުކޮށްދިނުމަކީ ރިޔާސީ ވައުދަކަށް ލިޔެ އެކަން އިއުލާންކޮށްގެން ނެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ހޮވުނު ފަހުން ދެ އަހަރު ވެގެން ދިޔައީ އެވެ. އަދި ވެސް އިވެނީ ކުރާނަން، ހަދާނަން، އަޅާނަން، މިފަދަ ބަސް ތަކެވެ.

ރައީސް މުއިއްޒު ސަރުކާރަށް ވެސް 2 އަހަރު ފުރެނީ އެވެ. ވީ ވައުދާ އެއްގޮތަށް ކުރާ އަދި ކުރި އެއް ކަމެއް ވެސް ފެންނާކަށް ނެތެވެ. ކުރި ވައުދުތައް ހަނދާން ނެތިއްޖެ އެވެ. ހަމަ ނޭވާ ލެވޭ އަބުރުވެރި ދިރިއުޅުމެއް ދިވެހިންނަށް ހައްގު ކަމަށް ކުރިން ކުރި ވަކާލާތު ހަނދުމަ ނެތިއްޖެ އެވެ. ދިވެހިންނަށް ބޯހިޔާވަހިކަމުގެ ހައްގު ހޯދަން އުޅޭނެ ފެންވަރު ވެސް މުއިއްޒުގެ ސަރުކާރާއި ކެބިނެޓުގައި ނެތް ފަދަ އެވެ.

މާލެ ސަރަހައްދަށް މީހުން ޖަމާވުން މުއިއްޒު އަކަށް ނުހުއްޓުވުނެވެ. ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން އަޅަންބުނި އާބަން ސެންޓަރުތައް ވެސް ވީ ބިލާހަކަށެވެ. މިހާރު އެވާހަކަ ދައްކާ ލެއްވެސް މަދު ވެއްޖެ އެވެ. މިހާރު ކިޔަނީ ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކުލަވައިލާ ގައުމީ ތަރައްގީގެ ޕްލޭނެއްގެ ވާހަކަ އެވެ.

މާތް ކަލާ ކޯއެވެ. 20 އަހަރުގެ ވާހަކަ އިހަށް ބާއްވާށެވެ. ރިޔާސީ ދައުރުގެ ފަސް އަހަރު ކުރަން ވައުދުވެ ބޮޑު މެނިފެސްޓޯގައި ލިޔުނު ވައުދުތަކުގެ ވާހަކަ ދައްކަވާށެވެ. ވައުދު ފޮތުގައި އޮތީ ކުލިތައް އަތްފޯރާ ފަށަށް ގެންނާނެ ވާހަކަ އެވެ. ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އެކީގައި ހައްލުކުރާނެ ވާހަކަ އެވެ.

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭގެ މީހުންނަށް ދޭން ނިންމާފައިވާ ގޯއްޗާއި ފްލެޓްތައް މުއިއްޒުގެ ވެރިކަމެއްގައި އަތުނުލާނެ ވާހަކަ އެވެ. ބޯހިޔާވަހިކަމުގެ ޑިމާންޑާ އެއްވަރަށް ފްލެޓް ސަޕްލައިކޮށްދޭނެ ވާހަކަ އެވެ. 18 ވާ ހިސާބުން ވެސް މީހަކާ ނީނދެ ހުއްޓަސް ފުރަތަމަ ދުވަހުން ފެށިގެން އަމިއްލަ ހައުސިންއެއް ދޭނެ ވާހަކަ އެވެ. ބޯހިޔާވަހިކަމާއި ގުޅުވާ މިފަދަ ކިތަންމެ ވައުދެއް މަނިކުފާނު ވަނީ ރައްޔިތުންނަށް ވެފަ އެވެ. މިއަދު މި ވައުދުތައް މަނިކުފާނު ހަދާން ނެތުމަކީ ނިކަމެތި ރައްޔިތުންގެ ކުށެއް ނޫނެވެ.

ރައީސް މުއިއްޒު އެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ރާއްޖޭގައި ވެރިކަން ކުރި ސަރުކާރުތަކުން ހާދަ މަސައްކަތް ތަކެއް ކުރެއްވި އެވެ. ރައީސް ޔާމީން ހުޅުމާލެ ހިއްކާ އެޅުއްވި 25 ބުރީގެ 16 ޓަވަރު ނިކަން ދެކިބަލާށެވެ. ސޯލިހު ސަރުކާރުން 4،000 ފްލެޓުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީ ކުރި އެވެ. ނަމަވެސް މަނިކުފާނުގެ ފަސް އަހަރު ނިމެން މިހާރު މި ވަނީ ގާތް ވެފަ އެވެ. ދިވެހި ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރުމަށްޓަކައި އެ މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން މަނިކުފާނު ސަރުކާރުން ކުރި ކަމެއް ބުނެދީ ބަލާށެވެ.

ފޮނި ވާހަކަ ދެއްކުމާއި ކުރީ ސަރުކާރުތަކުން އެޅި ފްލެޓްތައް ގާތް މީހުންނަށް ބަހާލި ކަމުގެ ތުހުމަތު ނޫން ކަމެއް މަނިކުފާނުގެ ސަރުކާރަކަށް ބޮލުގައި ނޭޅުނެވެ. އަދި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ޓޯޓަލް ޝޮލިއުޝަންއޭ ކިޔާ މަޖިލީސް އިންތިހާބަށް ފައިސާ ހޯދަން ރާޖޫ ކިޔާ މީހަކަށް "ރަސްމާލެ" ނަމުގައި ތަރައްގީ ކުރާ ފަޅު ހިއްކަން ހަވާލު ކުރުމުން ރާޖޫ ފިލާ "ރައްކާވި" ވާހަކަ ނޫން ކަމެއް މަނިކުފާނުގެ މަސައްކަތުގައި ނެތެވެ.

ފުށިދިއްގަރުފަޅާ އެކު، ގުޅީފަޅުން އިތުރު 85 ހެކްޓަރުގެ ބިމާއި ގިރާވަރުފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކައި، އެ ތަންތަނުން ފްލެޓާއި ގޯތި ލިބޭނެ ގޮތް ހަދާ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އަތޮޅު ތެރޭގައި އުޅޭ ރައްޔިތުންގެ ތެރެއިން މި ސަރަހައްދުން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ލިބި ރަސް މާލެ އާއި މާލެ ކަނޑު އަޑިން އަޅާ "އަންޑާ ވޯޓާ ޓަނަލް" އަކުން ގުޅަން މަނިކުފާނު ވީ ވައުދު އެއީ މަނިކުފާނުގެ އާދަޔާހިލާފު ވިޝަނަކަށް ވެ އޭގެ ހުޅުކޮޅު ވެސް މިހާރު ވަނީ ނިވިފަ އެވެ.

މި ހުރިހާ ކަމެއް މިހެން ހުއްޓާ މިހާރު ތިޔަ ދިމާ ކޮށްލީ ރައީސް ޔާމީން އާއި ރައީސް ސޯލިހުގެ ސަރުކާރުން އެޅި ފްލެޓްތަކުގެ ހައްގުވެރިން އަތުން އެތަންތަން އަތުލުމުގެ ގައުމީ ހަރަކާތެކެވެ. މަނިކުފާނު އެވެ. ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދައުލަތުން ދިން ތަނެއް އަތުލަން މަނިކުފާނުގެ ސަރުކާރުން ނިކުތުމުން މަނިކުފާނު ރައްޔިތުންގެ އިހްސާސްތައް ދެނެ ނުގަންނަވަރު ހާމަވެ އެވެ. މަނިކުފާނުގެ އެކުވެރިޔާ ފަޒުލް ވަގަށް ފަޒީލްއަށް ދިން ގޯތީގެ މައްސަލަ ބާއްވާފާ ގާނޫނު ހަދައިގެން ތިޔަ ދިމާކޮށްލަނީ މީހުންނަށް ދައުލަތުން ލިބުނު ގޯތިތައް އަތުލާށެވެ.

ހައުސިން މިނިސްޓްރީން، 2022 ވަނަ އަހަރު ގެޒެޓުކުރި އިޖުތިމާއީ ބޯހިޔާވަހިކަމުން ލިބޭ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގަވާއިދުގައިވާ ގޮތުން، އެފަދަ މަޝްރޫއަކުން ލިބޭ މުޅި އެޕާޓްމަންޓް ކުއްޔަށް ނުދެވުނަސް ، އެޕާޓްމަންޓަކުން ކޮޓަރި ކުއްޔަށް ދެވިދާނެ ކަމަށް މިނިސްޓްރީން އޮތީ ބުނެފަ އެވެ.

ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް، ހައްލެއް ނުލިބި ހާއްސަކޮށް، މާލޭ ސަރަހައްދުގައި ބޯހިޔާ ވަހިކަން ހޯދުން އާންމު އިންސާނީ މުސީބާތަކަށްވެފައި ވަނިކޮށް މިކަމުން ސަލާމަތްވެވޭނެ ގޮތެއް ސަރުކާރުން ނުދައްކާ ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައި ހުރި ފްލެޓްތައް އެހެން ބަޔަކު ދިރިއުޅެން ކުއްޔަށް ނުވަތަ ހިލޭ ވެސް ދީގެން ނުވާނެ ކަމަށާއި އަދި ދޭނަމަ ގާނޫނު ބަދަލުކޮށްގެން ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް މަނިކުފާނު ވިދާޅުވާއިރު، އިހަށް މަނިކުފާނު ވެސް އަމިއްލަ ނަފުސާ ބައެއް ސުވާލު ކޮށްލަން ޖެހެ އެވެ.

އެއީ ރަސްމާލެ އާއި މާލެ ގުޅުވާލައި އަންޑަވޯޓާ ޓަނަލް ކޮބާ ހެއްޔެވެ.؟ ހިޔާ މަސްރޫއުގެ ދަށުން ސޯލިހު ސަރުކާރުން އަތުލި ފްލެޓްތައް ދިނުމުގެ ވައުދު ކޮބާ ހެއްޔެވެ.؟ ހިޔާ ފްލެޓް ލިބުނު ރައްޔިތުން ފްލެޓުތަކުގެ ފިނިޝިންނަށް ކުރި ހަރަދު އަބުރާ ދޭނެ ކަމަށް ވީ ވައުދު ކޮބާ ހެއްޔެވެ.؟ ރައީސް ޔާމީންގެ ޒައާމަތުގައި ނިންމަވާފައިވާ ގޮތަށް 5،600ރ. އަށް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކޮށްދޭނަމޭ ކަމަށް ވީ ވައުދު ކޮބާ ހެއްޔެވެ؟ ގޯއްޗާއި ފްލެޓު ހިމެނޭގޮތަށް، "ރަސްމާލެ"ގައި މަނިކުފާނު އަޅަން ބުނި 65000 ހައުސިން މަޝްރޫއު ކޮބާ ހެއްޔެވެ.؟

މި ސުވާލުތަން ދެއްވާނެ ޖަވާބެއް ދެ އަހަރުވީއިރު ވެސް މަނިކުފާނު އަތުގައި ނެތުމުން ހާމަވަނީ މަނިކުފާނުގެ ނާގާބިލުކަމާއި ނުކުޅެދުންތެރިކަމެވެ. އަދި ވާ ވައުދު ނުފުއްދި މަނިކުފާނުގެ ދޮގު ދޮލަގު ބަރުވެފައިވާ ތަނެވެ.

މިހާރު ރައްޔިތުންނަށް ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ލިބިފައިވާ ފްލެޓްތައް އަތުލަން ގޮވާނުލާ އިހަށް މުއިއްޒު ސަރުކާރުން ކުރަންވީ ކަމަކީ ކޮންމެ ވެސް ތަނެއްގައި "ގާބުރިއެއް" ނަމަވެސް ބޭއްވޭތޯ ބަލަން ވީ އެވެ. އަދި ތިޔަ އުޅެނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ފްލެޓް އަޅަން ގާބުރިއެއް ވެސް ބާއްވަ ދޭނެ މީހަކު ނުވެގެން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved