

މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި މަރުވީ ދިވެއްސެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި މަރުވީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާން ކަމަށެވެ. އަދި، ގެއްލިގެން މިހާރު ހޯދަނީ ސްރީލަންކާ މީހަކާއި އިންޑިއާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން އެންމެ ފުރަތަމަ ގެއްލިގެން ހޯދަން ފެށި، ޝިފާން ހިމެނޭ ގޮތަށް ޖުމުލަ ތިން މީހުންނެވެ. އެގޮތުން، އެމްއެންޑީއެފްގެ ކޯސްޓުގާޑު ޑައިވަރުންނަށް ޝިފާން ފެނުނީ ކަނޑު އަޑިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭނާ ފެނުނީ މަރުވެފައި އޮއްވައެވެ.
އެ ކޮޅުވެއްޓި ބަންޑުން ޖަހާލީ ހަތް މީހުންނާ އެކު ދަތުރު ކުރަނިކޮށެވެ. އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އެމްއެންޑީއެފުން ވަނީ، އެ ކޮޅުވެއްޓީގެ ބައެއް ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ މީހުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓި ވަނީ އަޑިއަށް ގޮސްފައެވެ. އަދި، އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މޫސުން ގޯސް ދުވަސްވަރަށް ކަނޑު ދަތުރު ކުރާ މީހުން ސަމާލުކަން ދިނުމަށް އަބަދު ވެސް މެޓު އޮފީހުން އިލްތިމާސްކުރެއެވެ.