February 27, 2026
Advertisement
އަލީ ހުސެއިން
އަލީ ހުސެއިން / ތޭރަ އޮންލައިން

ރިފަރަންޑަމް ވޯޓާ ގުޅިގެން އައްޔަގެ ސުވާލުތަކެއް ސަރުކާރަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Oct 16, 2025, 10:12 PM
މާލެ ސިޓީ

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓަށް ވަކި ބަޔަކަށް ބައިވެރިވެވޭ ގޮތަށް އޮތުމުން އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސައިންގެ ސުވާލުތަކެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

އަލީ ސުވާލުތަކެއް އަމާޒުކުރައްވާފައިވަނީ އެކްސްގައެވެ.

އައްޑޫ ފޭދު އާއި ހުޅުދޫ އަދި މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އަދި ހުޅުދު އާއި މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވެސް އެ ވޯޓުގައި ހިމެނުމަށް ވަޒީރުންގެ މަޖިލީހުން ނިންމިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ވޯޓުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ.

މިކަމަށް އިޝާރާތްކުރައްވައި އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އަލީ ވަނީ މާދަމާ ކުޑަރިކިލު މީހުން ނިކުމެ ބާ އަތޮޅާ ވަކިން އޮންނަ އަތޮޅެއްގެ ގޮތުގައި ކުޑަރިކިލު އަތޮޅު ހަމަޖައްސަން އެދިއްޖެނަމަ އެކަމާ ގުޅޭތުން ނަގާ ވޯޓެއްގައި ވޯޓުލުމުގެ ހައްގު އޮންނާނީ ކުޑަރިކިލު މީހުންނަށް އެކަނިތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

ހަމައެހެންމެ މަކުނުދޫ މީހުން ރާއްޖެއިން ވަކިވާން ބޭނުންވެއްޖެނަމަ އެ ވޯޓުގައި ބައިވެރިވެވޭނީ ކޮންބަޔަކަށްތޯ ވިދާޅުވެވެސް އަލީ ހުސައިން ވަނީ ސަރުކާރާ ސުވާލުކުރައްވާފައެވެ.

އަލީގެ މިފަދަ ސުވާލުތަކެއް ސަރުކާރަށް އަމާޒުކުރައްވާފައިވާއިރު އައްޑޫ ސިޓީގެ ގިނަ ރައްޔިތުންގެ ހިތުގައިވެސް މިކަމުގައި ސުވާލު އުފެދި ދެ ބަސްވުންތައް ވަނީ ވެވެން ފަށާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved