
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭ.އެސް.ސީ)އަކީ ސިޔާސީ ހާއްޔެއްކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވެފައިވަނީ، ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އިންތިހާބުކުރުމާ ގުޅިގެން ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަލީ ހުސެއިން ވިދާޅުވީ، ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ބަޔަކު ޖޭއެސްސީގައި ތިބެގެން ނޫނީ މިނިވަން ކަމާއެކު އެ މުއައްސަސާއަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. މިހަރު ޖޭއެސްސީ އޮތް ގޮތަށް ޖޭއެސްސީ އޮވެގެން ދުވަހަކުވެސް ފަނޑިޔާރުގެ މިނިވަން ނުކުރެވޭނެ ކަމީ މިހާތަނަށްވެސް ފެންނަން އޮތް ހަގީގަތް ކަމަށް ވެސް އަލީ ވަނީ ވިދާޅުވެފައެވެ.
އަލީ މިފަދައިން ވިދާޅުވެފައިވާއިރު، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ ރައިސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ނަމަވެސް ދާދި ަފހުން އެމަނިކުފާނު ވަނީ ރެފރަންޑަމް ވޯޓުން ރައްޔިތުން ވަނީ ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ އެ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަން ހާމަކޮށްފައި ކަމަށާ އެހެން ކަމުން ގާނޫނު އަސާސީއަށް އިތުރު ބަދަލުތަކެއް ނުގެންނާނެ ކަމަށް ވިދާޅުވެފައެވެ. ގާނޫނު އަސާސިއަށް ބދަލު ނުގެނެސް ޖޭއެސްީގެ ކޮމްޕޮިޝަން ބަދަލު ނުކުރެވޭނެއެވެ.










