
ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރެވޭނީ، ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮވެގެން ކަމަށް ކަނޑައެޅި ކަނޑައެޅުމަކީ ސްކޭމެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.
ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދައުލަތުގެ ކުންފުނިތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭ ގަވައިދުގައި ކަނޑައެޅި މި ކަނޑއެޅުމަށް އިޝާރާތްކުރައްވާ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވަނީ، އެއީ ސަރުކާރުން ހިންގާ ސްކޭމެއް ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ވަންނަމުން އަންނަ ކަމަށާއި މަޝްރޫއުތަކުގައި އެ ކުންފުނިތަކަށް އިސްކަންދޭ ކަމުގެ ކަންބޮޑުވުން އިތުރުވެފައިވަނިކޮށް، އަލީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުން ރިސޯޓު ތަރައްގީކުރުމުގެ ނަމުގައި ރާއްޖޭގައި ބާކީ ހުރި ފަޅުރަށްތަކާއި ފަޅުތައް ނުއަގުގައި ވަކިބަޔަކަށް ބަހާލުން ނޫންކަމެއް އެ ގަވާއިދުގެ ތެރެއިން ނުވާނެ ކަމަށެވެ.
ގަވައިދުގައި ވަނީ، ދައުލަތުގެ ކުންފުނިތަކަށް ރިސޯޓެއް ހިންގުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގައި ބެލެވޭނެ ޝަރުތުތަކާއި އެ ތަންތަން ކުއްޔަށް ދޫކުރެވޭނެ ހާލަތްތައް ކިޔައިދީފައެވެ.
އެގޮތުން ރިސޯޓެއް ތަރައްގީކުރުމަށް ދައުލަތުގެ ކުންފުނިތަކަށް ތަންތަން ކުއްޔަށް ދޫކުރެވޭ ޝަރުތުތަކަށް ބަލާއިރު، އެ ކުންފުންޏަކަށް ތަނެއް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، ފާސްކުރަން ޖެހެއެވެ.
އޭގެއިތުރަށް، ފަޅެއް ނުވަތަ ބިމެއް ދޫކުރަން ކަނޑައަޅާ ދައުލަތުގެ ކުންފުުންޏަކީ، އެ ތަނެއްގައި ރިސޯޓެއް ހެދުމުގެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުންޏަކަށް ވާންޖެހެއެވެ. އަދި، އެ ކުންފުންޏެއްގައި، މަދުވެގެން ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮންނަން ޖެހޭ ކަމަށް ވެސް ގަވައިދު ބުނެއެވެ.
ގަވައިދުގައި ބުނި ގޮތުގައި، ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރަން ޖެހެނީ، އެ ތަނެއް ކުއްޔަށް ދޫކުރާ ފަރާތާއި ސަރުކާރާ ދެމެދު ސޮއިކުރާ އެއްބަސްވުމެއްގެ ދަށުންނެވެ.










