
ގައުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވަނީ، އަހަރުގެ ފުރަތަމަ ކުއާޓާގައި ތެލުގެ އިމްޕޯޓަށް 3.7 ބިލިއަން ރުފިޔާ ހޭދަކޮށް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، ތެޔޮ އެތެރެ ކުރުމަށް 160 އިންސައްތައިގެ ބޮޑު އިތުރުވުމެއް އައިސްފައިވާ ވުމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަލީ ވިދާޅުވެފައިވަނީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، ކެނޑިނޭޅި ގަދައަޅާ މަސައްކަތް ކުރުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ އެންމެ އިސް އެއް ޒިންމާ ކަމުގައި ދެކިގެން މަސައްކަތް ކޮށްގެން ނޫނީ ދައުލަތުގެ ސަލާމަތާ ރައްކައުތެރިކަން މުސްތަގުބަލުގައި ކަށަވަރު ކުރަން މާ އުނދަގޫވާނެ ކަމަށެވެ.










