
މިއަދުގެ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް 02 އަހަރު ވާން ކައިރިވެފައިވާއިރު ރައްޔިތަކަށް ވީ ކޮންމަންފާއެއްތޯ އައްސަވާ ނ.ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ޓްވީޓްކޮށްފިއެވެ.
އައްބާސްގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މި ދެއަހަރު ފާއިތުވެގެން ދިޔައީ ކުރީ ސަރުކާރު ނުވަތަ ސަރުކާރުތަކުގެ ބޮލަށް ކަންތައްތައް ޖަހާ އެ ސަރުކާރުތައް ޒިންމާދާރުކުރުވުމުގައި ކަމަށެވެ.
އަދި ކުރީގެ ސަރުކާރުތަކުން ވައްކަން ކުރި ކަމަށާއި ލޯނުތައް ނަގާ ގައުމު އިދަޖައްސާލި ކަމަށް ގޮވަމުން މިސަރުކާރުން މުޅި ދައުލަތް ލޫޓުވާލުން އެއީ ހަމަ އިންސާފުތޯ ބުނެ އައްބާސް ވަނީ ސުވާލުއުފައްދާފައެވެ.
މީގެ އިތުރުން މިވީ 2 އަހަރުގެ ތެރޭގައި މިސަރުކާރުގެ ތެރެއިން ބޮޑެތި ވައްކަންތަށް ކުރަމުންދާކަން ތުހުމަތު ކުރެވި މަޤާމުން ވަކިކުރެވުނު ބޭބޭފުޅުންނާއި މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުން ގެ މައްސަލަތަށް ބަލަން ނުފެށި ނުވަތަ ބަލާނެ ބަޔަކު ނެތީ ކީއްވެތޯވެސް އައްބާސް ވަނީ އައްސަވާފައެވެ.
މި ސަރުކާރުގެ އެކި މުވައްސަސާތަކުގެ ވެރިިންނާއި، ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި އަދި ރައީސް މުއިއްޒުގެވެސް ކޮރަޕްޝަނާއި ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް ތުހުމަތުކުރެވިފައިވާއިރު މިފަދަ މައްސަލަތައް ތަހުގީގު ނުކުރެވި ސަރުކާރުގެ ބާރުން އަންނަނީ ފަސްއަޅާ ފޮރުވަމުންނެވެ.
ނިމިގެންދާ ދެ އަހަރު ތެރޭގައި ދިވެހި ރައްޔިތަކަށް ފައިދާވާނެ ނުވަތަ މަންފާއެއް ލިބޭނެ މަޝްރޫއެއް ނުހިންގުނު އިރު ނުވަތަ ނިންމާނުލެވުނު އިރު މި ދެ އަހަރު ނިމިގެންމިދަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކުން ފުރިގެންނެވެ.










