ގާޒާގައި ކާބޯތަކެތި ހޯދަން އެއްވެ ތިބި މީހުންގެ ގަޔަށް ބަޑި ޖަހާ 104 މީހަކު އިޒްރޭލުން ޝަހީދު ކޮށްލައިފިއެވެ.
ޝަހީދުކޮށްލާފައިވަނީ ގާޒާގެ ރަޝީދު ސްޓްރީޓުގައި ކާބޯތަކެތި ހޯދަން އެއްވެ ތިބި މީހުންގެ ތެރެއިން ބަޔެކެވެ.
ކާބޯތަކެތި ހޯދަން ރަޝީދު ސްޓްރީޓުގެ ހަތަރު އަނގޮޅީގައި ގިނަ ބަޔަކު އެއްވެ ތިބި ވަގުތު އިޒްރޭލު ސިފައިން އެއެއް މިއެއް ނުބަލައި ބަޑިޖަހަމުން ދިޔަ މަންޒަރު ފެންނަ ވީޑީއޯއެއް ވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި އިސްރާއީލު ސިފައިން ހަމައެއް ލަމައެއް ނެތި ޖަހަމުން ގެންދިޔަ ބަޑީގެ ޝިކާރައަކަށްވެ އެތައް ބަޔަކުވަނީ ޝަހީދުވެފައެވެ. މިއީ ސީދާ ގަތުލުއާންމެއް ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ބުނެފައެވެ.
މިހާދިސާގައި 104 މީހަކު ޝަހީދުވި އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 760 އަށް އަރާފައެވެ.
މިހަމަލާ ކުށްވެރިކޮށް ދުނިޔޭގެ އެކިއެކި ލީޑަރުން ވާހަކަ ދައްކަވަމުން ގެންދަވާ އިރު، ބެލްޖިއަމްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވިދާޅުވީ, "ކިއު ހަދައިގެން ކާއެތިކޮޅު ހޯދަން ތިބި ބައެއްގެ ގަޔަށް ބަޑިޖަހާ މަރަނީ ކަމަށާއި އެއީ ބިރުވެރި މަންޒަރެއް" ކަމަށެވެ. އަދި މިއީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާ ކަޑައެޅިގެން ހިލާފު އަމަލެއް ކަމަށާއި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ކަނޑައަޅާފައިވާ މިންވަޑުތަކާވެސް މުޅިން ހިލާފު އަމަލެއް ކަމަށެވެ.
މި ހަމަލާ އާ ގުޅިގެން އެމެރިކާގެ ވައިޓްހައުސް އިން ބުނީ، ކާބޯތަކެތި ހޯދަން އެއްވެފައި ތިބި ބައެއްގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖެހި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެއީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެކަން ބަލަމުން ދާ ކަމަށް ވެސް ބުނެފައި ވެއެވެ.
"ގާޒާގައި ގޯސްވަމުންދާ އިންސާނީ އެހީގެ ހާލަތާއި ކުށެއް ނެތް އާންމުން މަރުވަމުން ދާ މައްސަލައިގައި ހިތާމަ ކުރަން, އެމީހުން އެއްވެ ތިބީ އެމީހުންގެ އާއިލާތަކަށް ކާއެތިކޮޅު ހޯދަން" ވައިޓްހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ވިދާޅުވިއެވެ.
އިޒްރޭލުގެ މިއަމަލުގެ ސަބަބުން ހަމަލާތައް ހުއްޓާލުމަށް ކުރަމުންދާ މަސައްކަތަށް ހީނަރުކަން އައުމުގެ އިތުރުން ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތަށް ވެސް ހިޔަނި އެޅިގެން ދާ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އުދުވާނަށް ބޭނުންވާ މަދަދާއި އެހީތެރިކަން ދޭ ގައުމަކީ އެމެރިކާ ކަމަށް ވާ އިރު, އެ ގައުމުން މިހެން ބުނެފައި ވީ ނަމަވެސް ދާދި ފަހުންވެސް ވަނީ 14 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށް އިތުރު ހަތިޔާއި އެހީތެރިކަން އިޒްރޭލަށް ދީފައެވެ.
އިޒްރޭލުން ގާޒާގައި ގަތުލުއާންމެއް ހިންގަމުން ގެންދާއިރު، މިއީ މަޑުމަޑުން އިންސާނީ ނަސްލެއް ނައްތާލުން ކަމަށް ދުނިޔޭގެ އެކިއެކި ލީޑަރުން ދަނީ ބުނަމުންނެވެ.
މި މައްސަލައިގައި ފަލަސްތީނު ސަރުކާރުން ބުނީ, ފަލަސްތީނުގައި ހިންގާ އުދުވާނަކީ ހުޅަނގުން އިޒްރޭލަށް މަދަދު ދީގެން ހިންގާ އުދުވާނެއް ކަމަށެވެ. އަދި ކާބޯތަކެތި ހޯދަން އެއްވެ ތިބި ބަޔަކު މަރާލުން ކުށްވެރި ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.