June 7, 2026
Advertisement
-
-

އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކެއްގައި ސިފައިންގެ ބަޔަކާއެކު 10 މީހުން މަރުވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
Jun 6, 2026, 07:19 PM
މާލެ ސިޓީ

ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން މިއަދު ދިން ވަރުގަދަ ހަމަލާތަކެއްގައި 10 މީހުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ލުބުނާނުގެ އަސްކަރިއްޔާގެ އިސް އޮފިސަރުންތަކެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

ލުބުނާނުގެ ސަލާމަތީ ބާރުތަކުން މައުލޫމާތު ދޭ ގޮތުގައި، އިސްރާއީލުގެ ހަމަލާ އަމާޒުވީ ޚަރުދާލީ އާއި ނަބަތީއާ ގުޅޭ މަގުން ދަތުރުކުރަމުންދިޔަ އަސްކަރީ އުޅަނދަކަށެވެ. މި ހަމަލާގައި މަރުވި ސިފައިންގެ ތިން މީހުންގެ ތެރޭގައި ބްރިގޭޑިއާ ޖެނެރަލަކާއި، ކެޕްޓަނެއްގެ އިތުރުން ސިފައިންގެ އެހެން މީހަކު ހިމެނެއެވެ.

މި ހަމަލާތަކާއެކު ލުބުނާނުގެ ދެކުނުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އިސްރާއީލުން ވަނީ އެ ސަރަހައްދުގެ ބައެއް ރަށްތަކުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުކޮށް އަމުރުތަކެއް ނެރެފައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލު ސިފައިން ވަދެގަނެގެން އުޅޭ ބިއްޔާދޫގެ އެކި ސަރަހައްދުތަކުން މިހާރުވެސް ދަނީ ބޯކޮށް ދުން އަރަމުންނެވެ.

އިސްރާއީލުގެ މި އުދުވާނަށް ރައްދު ދިނުމުގެ ގޮތުން، ހިޒްބުالله ޖަމާއަތުން ވަނީ އިސްރާއީލުގެ މަގާމުތަކަށް މަދުވެގެން ހަތަރު ރޮކެޓް ފޮނުވާލާފައެވެ. މީގެ ތެރެއިން އެއް ރޮކެޓް ބިއްޔާދޫގައި ތިބި އިސްރާއީލު ސިފައިންގެ މަގާމުތަކަށް ސީދާ އަމާޒުވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެއެވެ.

ވޭތުވެދިޔަ ދެ މަސްދުވަހެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނުގެ ފްރަންޓް ލައިންތަކުގައި އެގައުމުގެ އަސްކަރީ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާކުރަމުންނެވެ. އިސްރާއީލުން ދައުވާކުރާ ގޮތުގައި މިއީ ހިޒްބުالله އިން ދެމުންދާ ހަމަލާތަކުން އެގައުމުގެ އުތުރުގެ ރަށްތަކާއި ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެކެވެ.

ނަމަވެސް ހިޒްބުالله އިން ބުނަމުންދަނީ ލުބުނާނުގެ ބިމުގައި އިސްރާއީލުގެ ސިފައިން ތިބިހާ ހިނދަކު، އެމީހުންނާ ދެކޮޅަށް ދޭ ހަމަލާތައް ހުއްޓާނުލާނެ ކަމަށާއި، އިސްރާއީލު ސިފައިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved