May 27, 2026
Advertisement
-
-

ލުބުނާނުގެ ރަށްތައް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ދީފި

Aiminath Sarah
އައިމިނަތް ސާރާ
May 27, 2026, 10:01 AM
މާލެ ސިޓީ

އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް، ލުބުނާނުގެ އާންމުން އެއްވެ އުޅޭ ތަންތަނާއި އިމާރާތްތައް ސުންނާފަތިކޮށްލާނެ ކަމުގެ ބިރުވެރި އިންޒާރެއް ދެއްވައިފިއެވެ. އޭނާ ވަނީ ހިޒްބުالله އިން ފޮނުވާ ކޮންމެ ޑްރޯނެއްގެ ބަދަލުގައި ބެއިރޫތުގެ އެތައް ސަތޭކަ އިމާރާތެއް ބިމާހަމަކޮށްލުމަށް ގޮވާލައްވާފައެވެ.

Advertisement

ސްމޮޓްރިޗް ވިދާޅުވީ ހިޒްބުالله ހުއްޓުވުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ހަމަލާތަކަށް ދޭ ރައްދު އެތައް ގުނައަކަށް އިތުރުކުރުން ކަމަށެވެ. 

"ހިޒްބުالله ހުއްޓުވުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ކޮންމެ އެފްޕީވީ ޑްރޯނަކަށް ބެއިރޫތުގެ 10 އިމާރާތް ހަލާކުވާނެކަން އިއުލާން ކުރުން. މިސާލަކަށް ހަތް ޑްރޯން ފޮނުވައިފިނަމަ 70 އިމާރާތް، 15 ޑްރޯން ނަމަ 150 އިމާރާތް ފުނޑުފުނޑުކޮށްލަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ހުރިހާ އިމާރާތްތަކެއް ނެތިގެން ގޮސްފިނަމަ، ދެން އިސްރާއީލުގެ ހަމަލާތައް އަމާޒުކުރާނީ ޠޫރު (Tyre)، ސައިޑޯން (Sidon) އަދި ބެޤާ ވާދީ (Beqaa Valley) ފަދަ ސަރަހައްދުތަކަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ މުޅި ލުބުނާނު ސުންނާފަތިކޮށްލުމުގެ ނިޔަތުގައި ދީފައިވާ އިންޒާރެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ސިފަކުރެއެވެ.

އިސްރާއީލުގެ ކަނާތު ފިޔައިގެ ހަރުކަށި މި މިނިސްޓަރުގެ ވާހަކަތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް، އާންމުންނާއި އާންމު ތަންތަނަށް އަމާޒުކޮށް ނަސްލު ނައްތާލުމުގެ ނިޔަތުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ ލާއިންސާނީ ގޮވާލުންތަކުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން އިތުރަށް ގޯސްވެ، އެތައް ހާސް ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ އިސް މިނިސްޓަރަކު މިފަދަ މޭރުމަކުން ވާހަކަ ދެއްކެވުމަކީ ހަނގުރާމައިގެ ޖަރީމާތަކަށް ހިތްވަރު ދިނުން ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved