ރައީސް މުއިއްޒުގެ މި ސަރުކާރަކީ ރަސްމީ ދަތުރުތަކުގެ ނަމުގައި ވަފުދު ވަފުދުތައް ވަރަށް ގިނައިން ބޭރު ގައުމުތަކަށް ދަތުރުކުރައްވާ ސަރުކާރެކެވެ.
މިގޮތުން ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވަނީ ވިއެޓްނާމަށް ވަޑައިގެންފިއެވެ. މި ދަތުރަކީ ސައިބާ ކްރައިމާއި ދެކޮޅަށް ސުނައިޑެޓް ނޭޝަންސްގެ ގައުމުތަކުން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެއް ކަމަށް ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އަދި ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ވިއެޓްނާމް ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވި ނަމަވެސް މިފަދައިން ސަރުކާރުން ކުރައްވާ އެއްވެސް ދަތުރަކުން އެދެވޭ ނަތީޖާއެއް ފެނިގެންދާ ތަނެއް ނުފެނެއެވެ.
މިއާއި އެކު ސަރުކާރުން ކުރައްވާ ދަތުރުތަކުގެ މާލީ ހިސާބުތައް ވަގުތުން އާންމުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޚުދު ރައީސް ކުރައްވާ ދަތުރުތަކުގެ ހިސާބު ކިތާބު ދެމަސް ވެގެން ދާއިރުވެސް އާންމު ނުކުރެވިގެން ދިޔުމަކީ ރައީސް އެ ވިދާޅުވާ ޓްރާންސްޕޭރެންޓް ވެރިކަމެއް ކުރަމުންނުދާ ކަން ހާމަވާ ކަމެކެވެ.
މި އަހަރު ތެރޭގައި ރައީސްގެ އިތުރުން ވަޒީރުންގެ ވަފުދުތައް ރާއްޖެއިން ބޭރަށާއި ރާއްޖެތެރެއަށްވެސް ގިނަ ދަތުރުތައް ކޮށްފައިވާއިރު ގައުމު ނަގަހައްޓާ ޒިންމާދާރު މަސައްކަތްތަކެއް ކުރަމުން ނުދާކަންވެސް ފާހަގަކުރެވެއެވެ.