
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް ގައުމަކުން އެދުނު ކަމަށް ޚާރިޖީ ވަޒީރު ޑރ އަބްދުﷲ ޚަލީލު ވިދޅާުވެފައިވާއިރު އެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވުމުން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅަން ނިންމައިފިއެވެ.
އެމްޑީޕީ ޗެއާޕާސަން، އަބްދުލްޣަފޫރު މޫސާއާ ހަވާލާދީ "އަދަދު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމައެއްގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުމަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ކަމަށާ އެފަދަ މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ނުކޮށް އޮތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
އެހެންކަމުން އެ މައްސަލަ އެމްޑީޕީއިން 241 ކޮމިޓީއަށް ހުށަހަޅާ އެކަން ހިނގައިދިޔަ ގޮތް ބަލާނެކަމަށް ޣަފޫރު ވިދާޅުވެފައިވެއެވެ.
އިރާން ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދުގެ ބޭނުންކުރުމުގެ ހުއްދައަށް ބައެއް ގައުމުތަކުން އެދުނުކަން ހާރިޖީ ވަޒީރު އަބްދުﷲ ހަލީލް މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާފައިވާއިރު، ހޯމަ ދުވަހު ރައީސް މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ވަނީ ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދުނީ ކޮން ގައުމަކުންތޯ ރައީސް އާ ސުވާލުކޮށްފައެވެ.
އެސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާ އެމަނިކުފާނާ ހަމައަށް އެފަދަ މައުލޫމާތެއް އައިސްފިނަމަ ވަގުތުން ރިޖެކްޓު ކުރައްވާނެ ކަމަށެވެ. އެހެންކަމުން ޚާރިޖީ ވަޒީރު ހާމަކުރެއްވި މައުލޫމާތަކީ ރައީސަށް އެނގިވަޑައިނުގަންވާ މައުލޫމާތެއް ކަމަށް ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާއަށް ވެވަޑައިގެން ހުންނަވާ ރައީސް މުއިއްޒު ހާމަކުރެއްވުމުން ގިނަ ބަޔަކު ތިބީ ސިހުމެއްގެ ތެރޭގައެވެ.
ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅުއްވާ އެންމެ މަތީ ވެރިއަކީ ވެސް ރައީސް މުއިއްޒު ކަމަށްވާއިރު، އެފަދަ ކަމެއް އެމަނިކުފާނަށް ނޭނގި އޮތުމަކީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ބެލެވިދާނެއެވެ.










