ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް އިއްޔެ ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ބްރީފް ކޭސް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފިއެވެ.
ޑޮލަރު ސޫޓުކޭސް ފޭރިގަނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުއައްޒަފެއްގެ އަތުންނެވެ. އިއްޔެގެ ފަތިހު ހިނގި ހާދިސާއާ ގުޅިގެން ތުހުމަތުވާ ހަތަރު މީހުންނާއި އެ މީހުން ފިލަން މަސައްކަތް ކުރި ލޯންޗު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފަ އެވެ.
މި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮށްފައިވަނީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ.
ފުލުހުން ވިދާޅުވީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފޭރުނު ޑޮލަރާއި އެކު މި މީހުން ދަތުރުކޮށްފައިވަނީ ކ.ހުރާ އަށް ކަމަށާއި ފުލުހުން އަންނަނީ ހުރާގެ އެކި ސަރަހައްދުތައް ބަލާ ފާސްކުރަމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އިއްޔެ ހިނގި މި ހާދިސާގައި ތުހުމަތުވާ މީހުންނާއި، ދަތުރުކުރި ލޯންޗް ހޯދިފައިވާއިރު ފައިސާތައް ފެނުނު ކަމަށް ބުނެފައިނުވެއެވެ. ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ މި ފޭރުމުން ގެއްލިފައިވާއިރު ހައްޔަރު ކުރި މީހުންގެ ބަންްދަށް އެންމެ ފަސް ދުވަސް ޖެހުމުން އާންމުން އަންނަނީ ފާޑުކިޔަމުންނެވެ. މީގެ އިތުރު ހުޅުމާލެ ޕޯޓްސް ބަނދަރުން 13 މިލިއަން ގެ ސިގެރޭޓް ވައްކަމުގެ ތަހުގީގުވެސް ކޮޅެއްގައި ނުޖެހޭތީ ތަހުގީގީ އިދާރާތަކުގެ ގާބިލުކަމާއި މެދު އާންމުން އަންނަނީ ސުވާލުކުރަމުންނެވެ.